ޚަބަރު
ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ފުލުހުން ތަހުގީގު ކުރަނީ
ގަލޮޅު ދަނޑުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން: ފޮޓޯ: މިހާރު
އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އިއްޔެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި މާރާމާރީ ހިންގި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ދެވަނަ ޑިވިޝަންގައި އިއްޔެ ކުޑަ ހެންވޭރާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ފަހު ވަގުތު، ވިކްޓްރީގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ. މެޗުގައި 3-1 އިން ވިކްޓްރީގައި ކުރީގައި އޮއްވައި އެ ފައުލާ ގުޅިގެން ރެފްރީ އަޅައިނުލުމުން ކުޑަ ހެންވޭރު ޓީމުގެ ސަޕޯޓަރުން އަރައިގަތީ ކަމަށް އިއްޔެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ކޯޗު ސޮބާހަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އޭނާގެ އަނގަ މަތި ވެސް ވަނީ ފަޅާލާފަ އެވެ. އެހެންވެ، މެޗު ވަނީ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަ ހެންވޭރު ޓީމުގެ ސަޕޯޓަރުން ވަނީ ވިކްޓްރީގެ ކޯޗު ސޮބާހު މުހައްމަދަށް ވެސް ހަމަލާދީފަ އެވެ. ހަމަނުޖެހުމާ ގުޅިގެން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީވުމަށް އިތުރު ފުލުހުން ވެސް ދަނޑަށް ވަނެވެ.

ހަމަނުޖެހުންތަކަށް ފަހު، މެޗު ފެށޭތޯ މަސައްކަތްކުރި ނަމަވެސް ފަހުން އިއްޔެގެ މެޗު ކެންސަލް ކުރީއެވެ. މެޗާ މެދު ގޮތެއް ނިންމާނީ މުބާރާތާ ބެހޭ އިމަޖެންސީ ކޮމިޓީންނެވެ.

އިއްޔެ ކެންސަލް ކުރި މެޗުން މޮޅުވާ ޓީމެއް އަންނަ ހޯމަ ދުވަހު ކުޅެން ޖެހޭނީ ސެމީ ފައިނަލުގައި ނިއުރޭޑިއަންޓާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު