ޚަބަރު
މި އަހަރަށް އަރަބިއްޔާގެ އާ އިމާރާތް ނުނިމުނު، އާ ތާރީހަކީ 2024!
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަވާބުތައް ދެއްވަނީ.--
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ނަމަ އަންނަ އަހަރުގެ ދިރާސީ އާ އަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އެ ފްލެޓްތައް ނިމޭނެ ކަމަށް އެންމެ ފަހުން މި ސަރުކާރުން ބުނެފައި އޮތީ މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަރަބިއްޔާ ސްކޫލާއި ގުޅޭ ގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު ވިދާޅުވީ ބާ ޖަމާލުއްދީން ސްކޫލު ހުރި ތަނުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނީ މިއަދު ކަމަށެވެ.

ސަރުކާރުގެ އަޅާލުން ކުޑަ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ކޮންސެޕްޓް ކުރެހުން ފައިނަލް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ވަނީ މި އިމާރާތުގެ ކޮންސެޕްޓް ކުރެހުން އެއްކޮށް ފައިނަލް ކުރެވިފަ. ކުރިއަށްދަނީ ޑީޓެއިލް ޑްރޮއިންގެ މަސައްކަތްތައް ނިންމުމުގެ ކަންތައްތައް. މިމަހުގެ ނިޔަލަށް ޑީޓެއިލް ޑްރޮއިންވެސް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ގޮތަށް މަސައްކަތް ކުރިއަށްދާނަމަ 2024 ވަނަ އަހަރުގެ ދިރާސީ އެ ސްކޫލު ހުޅުވޭނެ ކަމަށެވެ. 

"މި މަހުގެ ނިޔަލަށް ޑީޓެއިލް ޑްރޯވިންގެ މަސައްކަތް ވެސް ނިމޭނެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އަސްލު އަމަލީ މަސައްކަތް ބާ ޖަމާލުއްދީން ހުރި ތަނުގައި ކުރަން ފަށާނީ. ދެން ސްކޫލު ހުޅުވޭނެ ކަމަށް އަޅުގަނޑު ލަފާކުރަނީ މިހާރު އޮތް ވޯކް ޝެޑިއުލްގައި އޮތް ގޮތަށް ދާ ކަމަށް ވެއްޖިއްޔާ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރު" މިނިސްޓަރު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ 2021ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން މިނިސްޓްރީން ވަނީ ބިމެއް ހޯދައިދޭނެ ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ހިއްސާ ކުރެއްވުމުން އެ މަނިކުފާނު ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައި ދެއްވައިފައެވެ.

އަދި، އިމާރާތް އެޅެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތް ވަނީ ހަމަޖައްސައިދެއްވައިފައެވެ. އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ ބެލެނިވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އަރަބިއްޔާ ސުކޫލަކީ 2011ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022ގަ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 168 މިލިއަން ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު