ޚަބަރު
ކޮވިޑް-19 ގެ ކުއްލި ހާލަތު އުވާލައިފި
ކޮވިޑް-19 ގެ ބިރު މުޅި ދުނިޔެއަށް ބޮޑުވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން މީގެ ތިން އަހަރު ކުރިން އިއުލާނުކުރި ކުއްލި ހާލަތު މިއަދު އުވާލައިފި އެވެ.

ޑަބްލިޔު.އެޗް.އޯ އިން މިއަދު ބުނީ ކޮވިޑް ބަލީގެ ހާލަތަކީ ދުނިޔޭގެ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ.

މި ބައްޔަކީ ސިއްހީ ނުރައްކަލެއް ކަަމަށް ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީން އެންމެ ފުރަތަމަ އިއުލާނުކުރީ މީގެ ތިން އަހަރު ކުރިން، ޖެނުއަރީ 30، 2020 ގައެއެވެ. އެއިރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދިޔައެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ ކޮވިޑްގެ ކުއްލި ހާލަތު އުވާލިއިރު އެ ބަލީގައި، މަދުވެގެން ހަތް މިލިއަން މީހުން މަރުވެފައިވާ ކަމަށެވެ. އެކަމަކު އެ ޖަމިއްޔާގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭޔެސުސް ވިދާޅުވީ ކޮވިޑްގައި މަރުވި މީހުންގެ އަދަދު 20 މިލިއަނާ ގާތްކުރާނެ ކަމަށާއި ކޮވިޑް ޖައްސާ ވައިރަހަކީ އަދިވެސް ނުރައްކާ ވައިރަހެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށެވެ.

"އިމަޖެންސީ ކޮމިޓީ 15 ވަނަ ފަހަރަށް ބައްދަލުކުރުމަށް ފަހު ކޮވިޑްގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އަޅުގަނޑަށް ވަނީ ލަފާ ދެއްވާފައި. އެހެންވެ އެ ލަފާ ގަބޫލުކޮށް އެކަން މި އިއުލާނުކުރަނީ އުންމީދުތަކާ އެކު،" ޓެޑްރޮސް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ މި ހާލަތު އުވާލަން ނިންމުމުގެ މާނަ އަކީ ބަލީގެ ނުރައްކާ ކުޑަވުން ނޫން ކަމަށެވެ. ހާލަތު ގޯސްވާ ނަމަ އަލުން އިމަޖެންސީ ހާލަތު ގެންނަން ޖެހޭނެ ކަމަށާއި ރައްކާތެރިކަން އިސްކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާތަނަށް 765 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ހަތް މިލިއަނެއްހާ މީހުން ވަނީ މަރުވެފަ އެވެ. އެންމެ ގިނަ ބަޔަކު އެ ބަލީގައި މަރުވީ އެމެރިކާގަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން އުފައްދައި ޖަހަމުން ދިޔަ ނަމަވެސް އެ ވެކްސިން ނުޖަހާ އަދިވެސް އެތައް ބަޔަކު އެބަތިބި ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު