ހުޅުމާލޭގައި ބެހެއްޓި މަގު ހުރަސް ކުރާ ޓްރެފިކް ލައިޓް / މަގު ހުރަސް ބައްތި ތައާރަފުކޮށް، އިފްތިތާހު ކުރުމާއެކު ބޭނުން ކުރަން ފަށައިފި އެވެ. -- މިއީ އަލަށް މަގު ހުރަސް ބައްތި ރާއްޖެއަށް ތައާރަފު ކޮށް ބޭނުން ކުރުމުގެ ފެށުމެވެ.
އާބަންކޯގެ މައި އޮފީސް ކުރިމަތީ މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ޓްރެފިކް ލައިޓް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.އެ ހަފްލާގައި އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް ވިދާޅުވީ މާލެ-ހުޅުމާލެ ބްރިޖަކުން ގުޅުވާލި ފަހުން ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑުވެ މަގުމަތީ ހިނގާ ނުރައްކާތެރި ހާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ."މި މަސައްކަތުގެ ދަށުން އަޅުގަނޑުމެން ދިވެހިރާއްޖެއަށް މުޅިން އަލަށް ޕެޑެސްޓްރިއަލް ލައިޓްސް ނުވަތަ މަގުހުރަސް ބައްތި އަޅުގަނޑުމެން މި އިންޑްރޮޑިއުސްކުރަނީ. އަޅުގަނޑުމެން މި އުއްމީދުކުރަނީ މިކަމަކީ ކުޑަކަމަށްވިޔަސް މިކަމަކީ އެތައް ބައެއްގެ މަގުމަތީގެ ރައްކާތެރިކަމަށް އިތުރުބާރެއްލިބި ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް" ޤައިސް ވިދާޅުވިއެވެ.
އާބަންކޯއިން މަގުހުރަސް ބައްދިތައް ހަރުކޮށް އަދި ބޭނުންކުރަން ފަށާފައިވަނީ ހުޅުމާލޭގެ 2 ސަރަހައްދެއްގައެވެ. އެއީ ހުޅުމާލޭ ހޮސްޕިޓަލް ހިމެނޭ ސަރަޙައްދާއި، ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދެވެ. މި ލައިޓްތައް އޮޕަރޭޓް ކުރަނީ ސޯލާ ހަކަތައިންނެވެ.
މީގެއިން ކޮންމެ ލައިޓެއްގައިވެސް ހުންނަ ބަޓަންއަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަން ވީމައި އޭގެއިން ބުނެދޭނެއެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެއެވެ.
އާބަންކޯއިން ބުނީ އެކޯރޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ޖުމްލަ 8 ލައިޓެއް ހަރުކުރުންކަމަށެވެ.