ޚަބަރު
އައްޑޫ ޓާޝަރީ ހޮސްޕިޓަލް ހުއްޓުވީ މިސަރުކާރުން: މުނައްވަރު
ރޭ އިދިކޮޅު ޕީޕީއެމުން އައްޑޫގައި ބޭއްވި ޖަލްސާގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު
ބޭރުން އިންވެސްޓަރަކު ހޯދައިގެން އައްޑޫ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރަށް ހުށަހެޅުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަން ހުއްޓުވާފައިވާ ކަމަށް ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ތުހުމަތުކުރައްވައިފި އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން މުނައްވަރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައިފަ އެވެ. އެގޮތުން މުނައްވަރު ވިދާޅުވީ އައްޑޫ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކޮށް، އެ ތަނުން ސުޕަސްޕެޝަލިސްޓުން ޚިދުމަތް ދެވޭނެ ގޮތްތަކެއް ރާވައި، އެ ކަން ސަރުކާރަށް ވެސް ހުށަހެޅި ކަމަށެވެ. އެކަމަކު، ސަރުކާރުން އެ މަޝްރޫއަށް ހުރަސް އަޅައި، މާލޭ ސަރަހައްދުގައި އެކަން ކުރަން މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މުނައްވަރު ވިދާޅުވީ އައްޑޫގައި އެމަޝްރޫއު ހިންގަން ހުށަހެޅީ އޭނާއާއި ވަރަށް ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ކަމަށެވެ. އަދި އެމަސައްކަތް މުނައްވަރު ކުރެއްވިކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރޭވީ، އައްޑު އަތޮޅުގައި ސާޖަރީތައް ޝެޑިއުލްކޮށް، ބަލި މީހުން ބަލާނެ ދުވަސްތައް ކަނޑައަޅާފައި ސުޕަސްޕެޝަލިސްޓުން ކޮލޮމްބޯއިން ގަމަށް ސީދާ ސްރީލަންކަންގައި އާދެވޭ ގޮތަށް." ޑރ. މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިމަޝްރޫއަކީ ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ކުރިއަށް ގެންދެވެން އޮތް މަޝްރޫއެކެވެ. ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައި އޮތީ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން ސީދާ ލަންކާ އިން އައްޑޫގެ ގަމަށް ސްޕެޝަލިސްޓް ޑޮކްޓަރުން އައިސް ބަލި މީހުން ބަލައި، ސާޖަރީ ހެދުމަށްފަހު އެ ދުވަހު ފުރައިގެންދާ ގޮތަށް ކަމަށެވެ.

ޑރ. މުނައްވަރު މިފަހަކަށް އައިސް ގެންދަވަނީ ރައީސް ސޯލިހަށާއި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް މުނައްވަރު ކުރިން އިއުލާންކުރެއްވި އެވެ. ނަމަވެސް ފަހު ވަގުތު ވަނީ ޑރ. މުއިއްޒުއަށް ތާއީދުކުރައްވާފަ އެވެ. 

"ހެލްތު މިނިސްޓްރީގެ ސީނިއާ އޮފިޝަލް، މި ވެރިންނާ [ބޭރުގެ ކުންފުންޏާ] ބައްދަލުކޮށްފައި ގޮވައިގެން ދަނީ ހުޅުމާލެއަށް. ގޮސްފައި ދައްކަނީ ހުޅުމާލޭ ހޮސްޕިޓަލް. ދައްކާފައި މި ބުނަނީ މި ތަން ނަގަންވީ ނޫންހޭ؟ އަޅުގަނޑު ދެންނެވިން ހިނގާށޭ ހުއްޓައިލަމާ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަޝްރޫއު ހުއްޓައިލަން ޖެހުނީ އެ ހިސާބުން ކަމަށެވެ.

މި ސަރުކާރު އައި ފަހުން، އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި މުނައްވަރު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެ ހިތްހަމަނުޖެހުންތަކަށް ފަހު، ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށް ވެސް އޭނާ އިއުލާނު ކުރެއްވިއެވެ. އެކަމަކު، ފަހުން އޭނާ ވަނީ އިންތިޚާބުގައި ވާދަނުކުރާން ނިންމައިފައެވެ.

އެއަށް ފަހު، މިހާރު އޭނާ ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު