ޚަބަރު
ނަޝީދަށް އިންސާފު ހޯދައިދޭނީ އަޅުގަނޑު:ޑރ. މުއިއްޒު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަންދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމަނިކުފާނަށް މި ސަރުކާރުން އިންސާފު ހޯދައި ނުދިން ކަމަށް ތުހުމަތުކުރައްވައި، އިންސާފު ހޯދައިދޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ވާނީ އިންސާފަށް މަސައްކަތް ކުރާ އަދި އެކަމުގައި "ޗެމްޕިއަން" ސަރުކާރަކަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހަގީގީ މާނާގައި ޝަރުއީ ދާއިރާ މިނިވަންކޮށް، ވަކި މީހަކަށް ބެލުމެއް ނެތި ހަމަހަމަ ކަމާ އެކު، އެންމެނަށް އިންސާފު ގާއިމްކޮށްދޭނެ އެވެ. އެ ވާހަކައިގެ ތެރެއިން މުއިއްޒު ވިދާޅުވީ ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދޭން މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.

"އިންސާފުވެރި ސަރުކާރެއް ގާއިމުުކުރަން އަޅުގަނޑުމެން މި އަންނަނީ. އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް [ނަޝީދަށް] ވެސް އިންސާފު ހޯދައިދޭނީ އަޅުގަނޑުމެން ގާއިމުކުރާ ސަރުކާރެއްގައި" މުއިއްޒު ވިދާޅުވި އެވެ.

މޭ 6، 2021 ގައި ނަޝީދަށް ހަމަލާދިނީ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. މި މައްސަލައިގެ ޝަރީއަތްތައް އަދިވެސް ކުރިއަށް އެބަދެ އެވެ.

ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާނު އޭރު ދިރިއުޅެމުން ގެންދެވި އާއިލީ ގެކޮޅު ގ.ކެނެރީގެ ހުންނަ ގޯޅިގަނޑުގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އެ ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު އެތަނުން ކުށް ސާބިތުވީ އަދި އެންމެ މީހެއްގެ މައްޗަށެވެ.

މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖެއަށް ހަމަޖެހުން އަންނާނީ ހަމަޖެހުމާއި އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމްވެގެންކަން ކަމަށާއި ޝަރުއީ ދާއިރާ ފުރިހަމަ ގޮތެއްގައި މިނިވަންކޮށްގެންވެސް އޭނާގެ ސަރުކާރެއްގައި އެކަންކަން އެންމެ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު