ޚަބަރު
ނިޒާމީ ވޯޓަށް އިތުރު ވަގުތުދޭން އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަށް އާއްމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން، ވޯޓުނެގުމަށް އިތުރު ވަގުތުދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

ނިޒާމީ ވޯޓާ ގުޅޭ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނިޒާމީ ވޯޓަށް އާންމުން ހޭލުންތެރިކުރުމަށާއި ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވައިލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ފަދަ އެ ވޯޓާ ގުޅޭ ކަންކަމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. 

"މި އެންމެހާ ކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާއިރު، އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު ތިޔަ އިދާރާއަށް ފަހުން އަންގާނެ ކަމުގައި ދަންނަވަން،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި އީސީން ބުނެފައިވެ އެވެ.

މީގެ އިތުރުން ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ކަރުދާހުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި ނިޒާމީ ވޯޓުގެ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއްގެ އިތުރުން އިންތިޚާބަށް ބޭނުންވާ ބަޖެޓުގެ ކަންކަން އަވަހަށް ފާސްކޮށްދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ގައި ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.  

އެކަށީގެންވާ ވަގުތާއި ފުރުސަތު އާންމުންނަށް ނުދީ އަވަސް އަރުވާލައިގެން ނިޒާމީ ވޯޓެއް ނަގަން އުޅޭތީ އެކަމާ ގުޅިގެން މަދަނީ ޖަމްއިއްޔާތަކުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ވޯޓަށް މަގުފަހި ކުރަން ގާނޫނު އަސާސީއަށް ވެސް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. އެ އިސްލާހު ބަލައި ނުގަންނަން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވެސް ވަނީ ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު