ޚަބަރު
އިންތިހާބީ ރައީސް, ބައްދަލުކުރެއްވި ފުރަތަމަ ސަފީރަކަށް އިނގިރޭސި ސަފީރު
އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވަނީ މުއިއްޒުގެ އަމިއްލަ ގެކޮޅު -- މ. ދިމްޔާތު ގައެވެ.

މިބައްދަލުކުރެއްވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

މި ބައްދަލުކުރެއްވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކުވެސް އޮންނާނެކަމަށް ދެއްވި ޔަޤީންކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރެއްވެވިއެވެ. އަދި ހުރިހާ ދާއިރާއަކުންވެސް އިނގިރޭސި ވިލާތާއޮތް ގުޅުންތައް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ދިވެހި ޤައުމަށާއި ރައްޔިތުންނަށާއި މަންފާހުރި އައު އެތައްކަމެއް އިނގިރޭސި ވިލާތާއެކު އޮތް ގާތްގުޅުމުގެ ސަބަބުން ޙާޞިލްވާނެކަމުގެ އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެއްވުމަށްފަހު, ހޯމަ ދުވަހު ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ވެރިކަމުގެ ބާރުތައް އިންތިހާބީ ރައީސަށް ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ފަށާފައިވާއިރު، މި މުއްދަތުގައި ވެސް ބޭރުގެ ގައުމުތަކުގެ ސަފީރުންގެ ފަރާތުން ބައްދަލު ކުރެއްވުމަށް ދައުވަތު ލިބެމުންދާ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ހާރިޖީ ސިޔާސަތަކީ, ރާއްޖެ އިސްކުރާ 'ޕްރޯ މޯލްޑިވްސް' ސިޔާސަތެވެ.

"އަޅުގަނޑު އިސްކުރާނީ ދިވެހި ގައުމުގެ މަސްލަހަތު އިސްކުރާނެ ސިޔާސަތު، އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު" އެކަން, ބައްދަލުކުރަން އެދިފައިވާ ސަފީރުންނަށް ވެސް ދަންނަވާނެ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

 


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު