ޚަބަރު
އާ ރައީސް ހުވާކުރައްވާ ޖަލްސާއަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވޭ: ޑރ. ޑީޑީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ އެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދާ އެއްގޮތަށް ޞައްޙަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާއަކަށް ވާންވާނެކަމަށާއި އެ ޖަލްސާއަށާއި، ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ނިންމާފައި ވަނީ، ނަޝީދު ވަކިކުރުމުގެ މައްސަލައިގައި އާދިއްތަ ދުވަހު ވޯޓު ނުނަގައިފި ނަމަ، ދެން މަޖިލީހުގެ އެހެން މަސައްކަތްތަކަށް އެއްބާލުން ނުދިނުމަށެވެ. އަދި ނަޝީދުގެ ވޯޓް ނުނަގާ އަންނަ މަހުގެ 17ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރައްވައިފި ނަމަ އެއީ ސައްހަ ހުވައެއްގެ ގޮތުގައި އެމްޑީޕީން ބަލައި ނުގަންނާނެ ކަމަށް ވެސް އެ ޕާޓީއިން އިއްޔެ ވަނީ ބުނެފަ އެވެ.  

ޑރ ދީދީ އެފަދައިން ވިދާޅުވެ އެކްސެއް ކުރެއްވީ، މަޖިލީހުގެ އަޢުލަބިއްޔަތު ކޮންޓްރޯލް ކުރާ އެމް.ޑީ.ޕީ ގެ ފަރާތުން އިންތިހާބީ ރައީސްގެ މަގާމުގެ ދުސްތޫރީ ހުވައި ކުރުމަށާއި، އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ ދުސްތޫރީ ބާރަށް ހުރަސްއަޅަން އުޅޭކަމަށް ބުނެ މީޑިއާތަކުން ލިޔެފައިވާ  ހަބަރުތައް ބެލުމަށްފަހު އެބޭފުޅާއަށް ފާހަގަކުރެވޭ ކަންކަން ހިއްސާކުރައްވަމުންނެވެ.

"އެހެންކަމުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ބެހޭގޮތުން ބާއްވާ މަޖިލީހުގެ ޖަލްސާ، މަޖިލީހުގެ ނައިބު ރައީސްގެ ރިޔާސަތުގައި ނުވަތަ އެނޫންވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާރު މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް، ލިބިގެންވާ ފަރާތެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން މެނުވީ ގާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަކަށް ނުދާނެ އެވެ،" ކުރީގެ އުއްތަމަ ފަނޑިޔާރުގެ ހިޔާލު ހުރި ގޮތް ހިއްސާކުރައްވާ ވިދާޅުވި އެވެ.

އެބޭފުޅާ ވިދާޅުވީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ކަމާބެހޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމުގައި ވާއިރު، އެކަމަށް ހުރަސްއެޅުމުގެ ޤާނޫނީ ޙައިޘިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.

އެހެންކަމުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ދެކޭކަމަށްވެސް ޑރ. ޑީޑީ ވަނީ ވިދާޅުވެފައެވެ.

"އެހެންކަމުން މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ދެކެމެވެ.،" އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އާ ރައީސް ހުވާކުރައްވައިފި ނަމަ، އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށްވެސް ބުނެފައެވެ.

މީގެ ކުރިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ނުގެންދިޔައީ އޭރު އީވާގެ މައްސަލަ ވެސް ހުށަހަޅާފައި އޮތުމުން، އެ ދެ ބޭފުޅުން ވެސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަތުމުންނެވެ.

ފަހުން އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯއްދެވުމަށްޓަކައި އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަލުން ލީ އިންތިހާބަށް ފަހު އެވެ.

އެމްޑީޕީގެ ޓިކެޓުގައި ރާއްޖޭގެ ރައީސްކަން ކުރެއްވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން އުފެދުނު ހިތްހަމަޖެހުމުގެ ތެރޭގައި އާ ޕާޓީއެއް އުފެއްދެވުމަށް ފަހު އެވެ. އެއާ އެކު އެމްޑީޕީގެ މެމްބަރުން ވަނީ ފާޅުގައި ނަޝީދާ ދެކޮޅަށް ނުކުމެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު