ޚަބަރު
ޔާމީން އިގުރާރެއްގައި ސޮއިކުރި، އެއާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނަން: ކަރެކްޝަންސް
މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށް، ލުއިތައް ދިނީ އިގުރާރެއްވުމަށް ފަހު ކަމަށާއި އެކަމާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެއްޖެ ކަމަށް ދަށު ކޯޓުން ހުކުމްކުރީ ޑިސެމްބަރު 2022، ގަ އެވެ. އޭގެ ފަހުން އެމަނިކުފާނު ޖަލުގައި ހުންނެވުމަށް ފަހު ގޭބަންދަށް ބަދަލުކުރީ، ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބުކުރި ފަހުންނެވެ.

އޭގެ ފަހުން އެމަނިކުފާނު ޑޮކްޓަރަށް ދައްކަވަން ޖެހޭ ފަހަރުތަކުގައި ގެއިން ބޭރަށް ނުކުންނެވޭ ގޮތަށް ލުއިތަކެއް ދެއްވީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. އޭގެ ފަހުން ރޭގެ ވަގުތެއްގައި އެމަނިކުފާނު ބޭރަށް ނުކުމެވަޑައިގަތް ވަގުތެއްގައި ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

ޔާމީނަށް ދީފައިވާ ލުއިތަކާއި ގުޅޭގޮތުން ކަރެކްޝަންގެ މީޑިއާ އޮފިސަރު އައިމިނަތު ޔުޝްރީން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ބޭސް ފަރުވާ ކުރުމަށާއި ކަސްރަތު ކޮށް އުޅުމަށް އިތުރު ލުއިތަކެއް ދެއްވުމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ.

އަދި ކޮންމެހެން ބައްދަލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކާއި ބައްދަލު ކުރެއްވުމަށް ކަރެކްޝަަން ގައި ކުރީން ހުއްދަ އަށް އެދުމުން އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. 

"އޭގެ އިތުރުން ކުރުން މަނާ ކަންތައްތަކެއް ވެސް އިގުރާރުގައި ހިމަނާފައިވާނެ،" ޔުޝްރީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު