ޚަބަރު
އެމްޑީޕީން ހުށަހެޅި ނަޝީދު ވަކިކުރުމުގެ ގަރާރުގައި މައްސަލައެއް ނެތް: އުޝާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ވިލުފުށީ ދާއިރާގެ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޙަސަން އަފީފު ރިޔާސަތުގައި އިންނަވައި މިއަދުގެ ޖަލްސާ ފެއްޓުމާއެކު، މެދު ހެންވޭރު ދާއިރާގެ އެ ޕާޓީގެ މެންބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައި ވަނީ ބިލެއްކަން ނުވަތަ މައްސަލައެއްކަން ނުވަތަ ކުއްލި މައްސަލައެއްކަން ނުވަތަ ގަރާރެއްކަން ވެސް ސާފުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ގަރާރެއް އޮންނަން ޖެހޭ ގޮތް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ހުށަހެޅި ގަރާރު އެކުލަވާލާފައިވަނީ އެ ގަރާރާ އެއްގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 169 ވަނަ މާއްދާއަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، ގަރާރެއްގައި ދީބާޖާއެއް ހިމަނަން ޖެހޭ ކަމަށެވެ. ނަމަވެސް އެމްޑީޕީން ހުށަހަޅި ގަރާރުގައި ދީބާޖާއެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ގަރާރާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގަރާރަކީ ތަފާތު އިޖުރާއަތަކުން ހިނގާ ދެ ގަރާރު ކަމަށެވެ.

ގާނޫނު އަސާސީގައި ގަރާރުގެ ވާހަކަ ބަޔާންކުރަނި ދެ ހާލަތެއްގައިކަން ފާހަގަ ކުރައްވާ އުޝާމް ވިދާޅުވީ އެއީ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރާއި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުު މަގާމުން ވަކިކުރުމުގެ ގަރާރު ކަމަށެވެ.

އުޝާމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ގަރާރަށް ހިނގާނީ ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ގަރާރެއް (މަޖިލީހުގެ ގަވާއިދުގެ) 167 ވަނަ މާއްދާގެ ގޮތުގައި އަމަލުކުރާނަމަ ފުރަތަމަ ކިޔުން ކިޔަން ޖެހޭނެ، ބަހުސް ކުރަން ޖެހޭނެ، ކޮމިޓީ ސްޓޭޖަށް ދާންޖެހޭނެ އަނެއްކާ މަޖިލީހަށް އޭގެ ރިޕޯޓް ހުށަހަޅައިގެން ދެން އެއަށް ގޮތެއް ނިންމަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ. 

"އެހެންވީމަ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައިވާ ގޮތުން ވަރަށް ސާފު މަޖިލީހުގެ ގަވާއިދުގައި އެ ބުނާ ގަރާރާ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި އެ ބުނާ ގަރާރަކީ މުޅިން ތަފާތު އިޖުރާއަތްތަކެއްގެ މަތިން ހިނގާނެ ދެ ގަރާރުކަން."

އެހެންކަމުން، މިހާރު ހުށަހަޅާފައި އޮތް އިތުބާރުގެ މައްސަލަ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވާއިރު، މިއަދު ވެސް ނަޝީދު ވަކި ކުރެވޭ ގޮތް ވަނީނުވެފައެވެ. ނަމަވެސް އަނެއްކާ އޭގެ ފަހުން ހެނދުނު 11:30 އަށް ދެވަނަ ޖަލްސާއެއް ވެސް ހަމަ އެ އެޖެންޑާއާއެކު ތާވަލުކޮށްފައިވެ އެވެ. ނަމަވެސް ޑިމޮކްރެޓްސްއަށް ނިސްބަތްވާ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާ ވެސް ނިންމަވާލެއްވީ އެޖެންޑާގައި ވަނީ ރިޔާސަތުން ބޭރުކޮށްފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ އެވެ.

މީގެ ކުރިން ވެސް ނަޝީދު ވަކިކުރުމުގެ ގަރާރު އެކި ފަހަރު މަތިން ގެންދަން މަސައްކަތްކޮށްގެން ވެސް އެ ކަން ކުރެވޭ ގޮތެއް ވަނީ ނުވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު