ވިޔަފާރި
މެޑިކަަލް ޗެކަޕް ހެދުން އަދި އައިވީއެފްގެ ފަރުވާ އާސަންދައިން ހިލޭ ދެނީ
މެޑިކަލް ޗެކަޕް ހެދުމާއި އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ހިދުމަތް އާސަންދައިގެ ދަށުން ދިނުމަށް ވެވަޑައިގެންނެވި ވައުދުތައް ތަންފީޒުކުރައްވަން އާސަންދައިގެ ގަވާއިދު އިސްލާހުކޮށް, އުސޫލު އެކުލަވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މުހިއްމު ގިނަ ނިންމެވުންތަކެއް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، އެ ނިންމެވުންތަކުގެ ތެރެއިން އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ދޭން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

މިހާރު އުސޫލު އޮންނަ ގޮތުން ދަރިމައިވުމުގެ ފަރުވާ އާސަންދައަކުން ނުލިބެއެވެ.

މިއަދު ވަޒީރުންގެ މަޖިލީހުން ފާސްކުރުމާ އެކު ރިޔާސީ ވައުދުފުޅާ އެއްގޮތަށް ދަރިމައިވުމުގެ ފަރުވާ އާސަންދައިން ލިބޭނެއެވެ. ރައީސް ވިދާޅުވީ، އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރު ވެސް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ނިންމީ އައިވީއެފް ޓްރީޓްމަންޓު ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން،" ރައީސް ވިދާޅުވިއެވެ.

އައިވީއެފް ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ އާ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ރައީސް ނިންމަވާފައިވަނީ އެ ވައުދުފުޅު ސަރުކާރުގެ ފުރަތަމަ ނުވަ ހަފުތާ ތެރޭގައި ކޮށް ނިންމައިލާށެވެ.

ރައީސް ވިދާޅުވީ, މެޑިކަލް ޗެކަޕް ހިދުމަތެއްގެ ގޮތުގައި ހިމަނައިގެން އާސަންދައިގެ ދަށުން ހެދޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކި ކަހަލަ ޕެކޭޖުތައް ތައާރަފުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޑޮކްޓަރުން ލަފާ ދީފި ނަމަ, އެ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދާދޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކަރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން, ހިދުމަތް ލިބެންހުރި އަދި އާސަންދަ ސްކީމުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ އަމިއްލަ ހޮސްޕިޓަލުތަކާއި މަރުކަޒުތަކުން ވެސް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެއް ސިޔާސަތު، ބަލި ޖެހުމުގެ ކުރިން ބަލިން ރަނގަޅު ކުރާނަމޭ. އެއަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ވައުދުވެވަޑައިގެންނެވި އަނެއް ކަމަކީ ބޯންމެރޯ ހަދާ ކުދިން, ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް ބަދަލުވެއްޖެ ނަމަ ދައްކަންޖެހޭ ފައިސާ އާސަންދަ ސްކީމުގެ ދަށުން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ރައީސް ވިދާޅުވީ އެކަމަށް ދިރާސާ ކުރުމަށްފަހު މިއަދު ނިންމީ, އާސަންދަ ސްކީމުގައި އެންރޯލް ކޮށްފައިވާ ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑްކުރުމަށް ކަމަށެވެ. އަދި ބަލިމީހާ ބޭނުންވާ ހާލަތުގައި ހޮސްޕިޓަލް ބަދަލުވާއިރު, ގްރޭޑިންއަށް އަންނަ ތަފާތުގެ ސަބަބުން އިތުރަށް ދައްކަން ޖެހޭ ފައިސާ އާސަންދައިގެ ސްކީމުގެ ތެރެއިން ހަރަދު ހަމަޖައްސާ ގޮތަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު