ޚަބަރު
ޕީސީއޯއެސްގެ ފަރުވާ އާސަންދައިން ލިބޭނެ ގޮތް ހަދަން ނިންމައިފި
އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީ.ސީ.އޯ.އެސް.' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމްއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި ނިންމެވުން މިފަދައިން ނިންމަވާފައިވަނީ އަންހެނުންނަށް ދިމާވާ މިފަދަ ޞިއްޙީ މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކެއް ނަމަވެސް، 'އިންފަރޓިލިޓީ' ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމްއިން މި ފަރުވާ 'ރިޖެކްޓް' ކުރަމުންދާ ދިއުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ. 

އަދި މިކަން ތަންފީޒުކުރުމަށްޓަކައި، މި ބަލިތަކާގުޅޭގޮތުން ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއެކު މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ހަރުދަނާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަންކަމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު