ރިޕޯޓް
ރައީސް މުއިއްޒުއާއެކު ރާއްޖޭގެ މިސްރާބު ހަކަތައިގެ ސުވަރުގެއަކަށް..!
ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވަނީ

މޫސުމަށް އަންނަ ލޮޅުންތަކުގެ އެންމެ ބޮޑު ތަކުލީފަކާއި ކުރިމަތިލާން މިޖެހެމީ އަހަރެމެން ކަހަލަ ބިން ތިރި ޖަޒީރާތަކެވެ. ފަތުރުވެރިކަން ކުރިއަރައި އޭގެން ނަފާ ލިބުނަސް ރަނގަޅަށް ހަމަނޭވާ ނުލެވިގެން އުޅެނިކޮށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އާ ގޮންޖެހުންތަކެއް ކުރިމަތިވެ، ދަރަނީގެ ނާޒުކުކަން އިތުރަށް މި ވަނީ ގޯސްވެފަ އެވެ.  

ތެޔޮ އިމްޕޯޓު ކުރާ މިންވަރު މަތިވުމުން ރާއްޖޭގެ މާލީ ގޮންޖެހުންތައް އިތުރަށް ބޮޑުވެއްޖެ އެވެ. ކަރަންޓު އުފެއްދުމަށް އަގުބޮޑުކޮށް ޑީސަލް އިމްޕޯޓްކޮށްގެން އެއަށް ބަރޯސާވުމާއި، އިގްތިޞާދީ ސްކޭލެއް ނެތުމާއި، އުމްރާނީ ވަސީލަތްތައް ދަށްވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ އެވެ. ކުރީގެ ސަރުކާރުތަކުގައި މިކަންކަމާ އެކަށީގެންވާވަރަށް ވިސްނާފައި ނުވުމުން މިއަދު މިތަކުލީފާއި ކުރިމަލތިލާން ޖެހުނީ ހަނީމޫންގައި އޮތް މި ސަރުކާރާއެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތީ މި ގޮންޖެހުންތައް ގިރާކޮށް ޤައުމު ހަމަމަގަށް އެޅުވުމުގެ އުއްމީދީ ވައުދު ވެވަޑައިގަންނަވަމުން ނެވެ.

ކުރިން އަޅާލާންޖެހޭވަރަށް އަޅާނުލެވުނު އިއާދަކުރަނިވި ހަކަތައިގެ ހިއްސާ ވަރަށް ބޮޑުތަން އިތުރުކުރުމަށް އެމަނިކުފާނު ވަރަށް ޚާއްޞަ ސަމާލުކަން ދެއެވެ. ކަރަންޓު ބޭނުންކުރާ ނިސްބަތުގެ 33 ޕަސެންޓް އުފެއްދޭ ވަރަށް އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމްކުރުމަށް ކުރިޔަށް އޮތް 5 އަހަރަށް 600 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢަކަށް ސަރުކާރުން އަމާޒު ހިފާފައިވާކަމީ މީގެ ހެއްކެކެވެ.

"އަމާޒަކީ، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި، ރާއްޖޭގެ ކަރަންޓުގެ ޑިމާންޑްގެ 33 ޕަސެންޓު ފުއްދައިދެވޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމްކުރުން. މިވަގުތު އޮތީ ހަތަރު ޕަސެންޓުގަ. އެކަން ހާސިލް ކުރުމަށްޓަކައި އަޅުގަނޑުމެންގެ އަމާޒަކީ މަދުވެގެން 600 މިލިއަން ޑޮލަރު ހޯދުން" ހިނގަމުންމިދާ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހު ކޮޕް-28 ގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ހަމަގައިމުވެސް ރައީސް ޑރ. މުއިއްޒުގެ މި ވާހަކަ އަޑުއިވުމާއެކު، ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފާހަގަކުރެވުނީ ކުރިޔަށް އޮތްތަނުގައި އަޅުގަނޑުގެ ގޭގެ ފެނާއި ކަރަންޓު ބިލަށް ދައްކަންޖެހޭ ފައިސާ ކުޑަވެގެންދާނެކަމެވެ. ގައުމުގެ ފުދުންތެރިކަން އިތުރުވާނެ ކަމެވެ. ރައްޔިތުންގެ ޖީބުގައި ފައިސާ ހަރުލާނެކަމެވެ. އެހެނީ މިއަދާހަމަޔަށް ތަޖުރިބާކުރީ ގެޔަށް ކާއެއްޗެހި ގަނެފައި ޔުޓިލިޓީ ބިލްތަކަށް ފައިސާ ދައްކާނިމޭއިރު އަތުގައި އެންމެ ފައިސާ ފޮއްޗެއްވެސް ރައްކާނުކުރެވުނު ޒަމާނާއެވެ. އެހެންކަމުން ޑރ. މުއިއްޒުގެ މި ދުރުވިސްނުންފުޅުގެ ސަބަބުން ގައުމަށް ދިރުން އައުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އުއްމީދެކެވެ.

ރައީސް އެ ވިދާޅުވިގޮތަށް އެމިންވަރަށް ހަކަތަ އިތުރު ނުކުރެވެންވީ ސަބަބެއް ނެތެވެ. ވޯލްޑް ބޭންކުގެ އެހީއާއިއެކު އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓާއި، އެކްސެލެރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ(އެރައިޒް) ޕްރޮޖެކްޓް މެދުވެރިކޮށްވެސް ރާއްޖޭގެ ހަކަތައިގެ މިންވަރު އިތުރުކުރުމަށް ރައީސް ޑރ.މުއިއްޒު  ޕްލޭންތަކެއް ހައްދަވާނެއެވެ.

2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް ނެޓް ޒީރޯ ޓާގެޓެއް އޮތް އިރު، މިއީ އެންމެ އުއްމީދީ އެއް އަމާޒު ނޫންތޯއެވެ. މި އަމާޒަށް ވާސިލްވުމަށް ސޯލާ ފޮޓޯވޯލްޓައިކް އިންޑިޕެންޑެންޓް ޕަވަރ ޕްރޮޑިއުސަރސް (ޕީވީ އައިޕީޕީ)ގެ ބޭނުން ހިފައި ޕްރައިވެޓް ސެކްޓާގެ އިންވެސްޓްމަންޓްތަކުގެ ބޭނުން ހިފުމަށް މިސަރުކާރުން އިތުރަށް މަސައްކަތް ކުރާން ޖެހޭނެ އެވެ.   

ވޯލްޑް ބޭންކް ގްރޫޕްގެ އެހީތެރިކަމާއެކު ދުނިޔޭގެ ހަކަތައިގެ ލީޑަރުންނާއި އިންވެސްޓަރުންނާއެކު މަޝްވަރާކޮށް، ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މިސަރުކާރަށް މަސައްކަތްތައް ކުރެވޭނެއެވެ. އިޔާދަކުރަނިވި ހަކަތަ އާއި ރައްކާކުރުމަށް ބޭނުންވާ ބޮޑެތި ބަދަލުތައް ތަންފީޒު ކުރުމުގައި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަދި މަލްޓިލޭޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ(މިގާ) ގުޅިގެން ޑރ. މުއިއްޒުގެ މިސަރުކާރުން މަސައްކަތް ކުރުމަކީ ކާމިޔާބީއާއި ހަމަޔަށް އަވަސް މަގަކުން ވާސިލުވާނެ ކަމެކެވެ.

ރައީސް ޑރ. މުއިއްޒުގެ ދުރުވިސްނުންފުޅަކީ ދެއިރު ދެދަޅަޔަށް ދުނިޔޭގެ ބާޒާރުގައި އަގު އުފުލޭ ތެލަށް ބަރޯސާވުމުގެ ބަދަލުގައި މިރާއްޖޭގައި ހަކަތަ އުފެއްދުން ކަމަށްވާއިރު، އައިޑީއޭ ގްރާންޓް އަދި އެމްއައިޖީއޭ ގެރެންޓީގެ ބޭނުން ހިފައި، އިނޮވޭޓިވް ސޯލާ ޕީވީ ސަބްޕްރޮޖެކްޓްތަކަށް ޕްރައިވެޓް ސެކްޓާގެ އިންވެސްޓްމަންޓްތައް މޮބިލައިޒްކުރަންވާނެއެވެ. ބެޓެރީ ސްޓޯރޭޖް ކުރުމަށާއި ސީޓީއެފް ލޯނާއި ލިކުއިޑިޓީ ކަވަރޭޖަށް ސީޓީއެފް ހިލޭ އެހީ އަދި ފަންނީ އެހީތެރިކަން މިސަރުކާރަށް ހޯދޭނެ އެވެ.

އެހެންކަމުން މި އަމާޒާއިއެކު، މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގެ ސުވަރުގެ ކަމަށް މުޅި ދުނިޔެއަށް ޕްރޮމޯޓްކުރާ ދިވެހިރާއްޖެ އަކީ ހަކަތައިގެ ދެމެހެއްޓެނިވިކަން ދުނިޔެއަށް ދައްކައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގަންނާނެ ދުވަސް އަދި އަންނާނެކަމީ ޝައްކެއް ނެތް ކަމެކެވެ. މިޔަރާއި ވެލަޔާއި ރީތި ހުދު ގޮނޑުދޮށާއި ނޫ ވިލު ބަލާލަން އަންނަ ފަތުރުވެރިންނަށް 70 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ހުރި ގައުމަކަށް މަރުހަބާ ކިޔުމުގެ އިތުރު އުފަލެއް ކުރިއަށް އޮތް ތަނުގައި ލިބިގެންދާނެކަމީ ރާއްޖެއަށް ލިބޭނެ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
3 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު