ޚަބަރު
މޮރިޝަސް ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވެވި ސިޓީ އާންމު ކޮށްފި
ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ މިހާރުގެ ސަރުކާރުން ޢާންމުކުރައްވައިފި އެވެ.

ރައީސް އޮފީހުން އެ ސިޓީފުޅު އާންމު ކުރީ ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހާމަ ކުރުމަށް ފަހު އެވެ. އެ ސިޓީ މީޑިއާތަކާ ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

ބައިނަލްއަގްވާމީ ކޯޓަކުން ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައަޅަން ޖެހުނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. ރާއްޖެއިން ކުރިން ވަކާލާތު ކުރަމުންދިޔައީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށެވެ. އެކަމަކު ފަހުން ރާއްޖެއިން ދެކޭ ގޮތް ވަނީ ބަދަލުކޮށްފަ އެވެ.

އޯގަސްޓު 22، 2022 ގައި ކުރީގެ ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތަށް ފޮނުއްވި ސިޓީގައި، ރާއްޖޭގެ މަސްލަހަތާ ގުޅޭ ސިއްރު ބައެއް ކަންކަން ހުރި ކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ބުންޏެވެ. އަދި އިދިކޮޅުން ގޮވާލަމުންދިޔައީ ސިޓީ އާންމު ކުރުމަށެވެ.

ނަމަވެސް ސަރުކާރުން ބުނީ އެ ސިޓީގައި ގައުމީ ސަލާމަތާ ގުޅޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެއް ވެރިއަކު އަނެއް ވެރިއަކަށް ފޮނުވާ އެފަދަ ސިޓީތަކުގެ ސިއްރު ހިފަހައްޓަންޖެހޭނީ އެ ސިޓީ އާންމު ކުރެވެން ނެތް ކަމަށް ސަރުކާރުން އެއިރު ބުނެފައިވެ އެވެ. އެކަމަކު، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގަައި އެ ސިޓީ ވަނީ ލީކުވެފަ އެވެ.

މި ސިޓީގައި ބަޔާންކުރައްވާފައިވާގޮތުގައި ބައިނަލްއަޤްވާމީ ކޯޓަކުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައަޅަން ޖެހުނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. އެ ސިޓީގައިވަނީ ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށާއި، އެއީ ގައުމުތައް އިސްތިއުމާރުކުރުމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ރާއްޖެ އާއި މޮރީޝަސްއާއި ދެމެދު ފުށުއަރާ ސަރަޙައްދުގައި 95000 އަކަ ކިލޯމީޓަރުގެ ސަރަޙައްދު ހިމެނެއެވެ. ސަރަޙައްދުގެ 47000 އަކަ ކިލޯމީޓަރު ވަނީ ރާއްޖޭގެ އިމުގެ ގޮތުގައި އިޓްލޮސްއިން ކަނޑައަޅާފައެވެ. މޮރިޝަސްއަށް ލިބިފައިވަނީ 45000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެވެ.

މިއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއްކަމަށް އޭރުގެ ސަރުކާރުން ހާމަކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު