ޚަބަރު
ކުރީގެ މިނިސްޓަރު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ
މިދިޔަ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން ރޭ އިއުލާންކުރައްވައިފި އެވެ.

ނަހުލާ މަޖީލަހަށް ވާދަކުރައްވާކަން ހާމަކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ވާދަކުރައްވަން ނިންމަވާފައިވަނީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދާއިރާގެ ރައްޔިތުން ތާއީދުކޮށް ވޯޓު ދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވި އެވެ.

"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު އައިޝަތު ނަހުލާ (އައިޝާ) ކުރިމަތިލުމަށް ނިންމައިފީ މެވެ. އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން, އަޅުގަނޑަށް ތާއީދުކޮށް ތިޔަ ބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން," އޭނާ ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެ އެވެ.

ނަހުލާ ވާދަކުރައްވަން ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް އެދުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް އެ ޕާޓީން ވަނީ ހުޅުވާލާފަ އެވެ. 

ދެހާސް އަށާރަ ވަނަ އަހަރު އިންތިހާބުވި ސަރުކާރުގައި ޝާމިލުވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން ކަމަށްވާ ނަހުލާ، ޓްރާންސްޕޯޓް މިނިސްޓްރީއަށް އައްޔަން ކުރުމުގެ ކުރިން ސިޔާސީ މަގާމެއް ފުރުއްވާފައި ނުވެއެވެ.

ހުޅުމާލެ ދެކުނު ދާއިރާއަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކުރި ދާއިރާތަކުގައި ހިމެނޭ އެއް ދާއިރާއެވެ. 19 ވަނަ މަޖިލީހުގައި ހުޅުމާލެ އޮންނަނީ އެއް ދާއިރާއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު