ޚަބަރު
ވިއްސާރާގައި ގެއްލުންވި 70 ގެއަށް ހަތަރު ލައްކަ ރުފިޔާ ދެނީ
ރައީސް ޑރ. މުއިއްޒު ވަނީ ފެންބޮޑުވެގެން ގެއްލުން ލިބުނު ބައެއް ގެތަކަށް ޒިޔާރަތް ކުރައްވާފަ
މިދިޔަ އާދިއްތަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ 70 ގޭ ބިސީއަކަށް ގެއްލުންވި ކަމަށާއި އެ ގެއްލުމުގެ އަގު 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެ ގޭބިސީތަކަށް އެހީގެ ގޮތުގައި 457،242ރ. ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް އެންޑީއެމްއޭން ބުންޏެވެ.

އެގޮތުން 34 ގޭބީސީއެއްގެ އިމާރާތަށް ލިބުނު ގެއްލުންތަކަށް 248،381ރ. ދިނުމަަށް ވަނީ ނިންމާފަ އެވެ. 65 ގޭބީސީއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް 208،861.60ރ. ދިނުމަށް ނިންމާފައިވާއިރު އެގޭބީސީތަކަށް ލިބުނު ގެއްލުން މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

ވިއްސާރާގައި ލިބުނު ގެއްލުން ބެލުމަށް 87 ތަނެއްގެ އެސެސްމަންޓް ހަދާފައިވާއިރު އޭގެ ތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރިތައް ހިންގާ ތަންތަނެވެ. 27 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަން އެންގި ކަމަށާއި އަދި 21 ގޭބީސީ އަކަށް އެކި ސަބަބުތަކާއި ހެދު ނުވަދެވުނު ކަމަށްވެސް އެންޑީއެމްއޭ އިން ބުނެ އެވެ.

ގެއްލުން ލިބުނު ގެތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ އަަލަމާރިތަކަށް ގެއްލުން ވެގެންނެވެ. އެގޮތުން ދެ ދޮރުފަތްލީ 46 އަލަމާރިއަކަށް ގެއްލުންވެގެން ރިޕޯޓް ކުރިއިރު، 36 ގެއެއްގެ ކަބަޑު ސެޓަށް ގެއްލުންވެގެން ރިޕޯޓްކޮށްފައި ވެއެވެ.

މިދިޔަ އާދީއްތަ ދުވަހު މުޅި ރާއްޖެއަަށް ކުރި ވިއްސާރާ ގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ ހުޅުލެ އާއި މާލޭގެ އިތުރުން ބ. ގޮއިދޫ އަށެވެ. އެގޮތުން ހުޅުލެ އަަށް 179.7 މިލިމީޓަރުގެ ވާރޭވެހިފައިވާ އިރު މާލެ އަށް ވަނީ 118.2 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.

އާދިއްތަ ދުވަހު މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. ރައީސް މުހައްމަދު މުއިއްޒު ވަނީ ފެންބޮޑުވެގެން ގެއްލުން ލިބުނު ބައެއް ގެތަކަށް ޒިޔާރަތް ވެސް ކުރައްވާފަ އެވެ. އެންމެ ބޮޑަށް ފެންބޮޑުވެ ގެއްލުންވީ ވެސްޓްޕާކް ސަރަހައްދުން މާފަންނުކޮޅުގައި ހުރި ގެތަކަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު