ޚަބަރު
ރައީސް އިރާނުގެ ރައީސަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި
އިރާނުގެ ކަރުމަންއަށް އިއްޔެ ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިރާނުގެ ރައީސް ސައްޔެދް އެބްރަހަމް ރައިސީއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އިރާނުގެ ކަރުމަންއަށް ދިން ބޮމުގެ ޙަމަލާގައި ގާތްގަޑަކަށް ސަތޭކައެއްހާ ޢާންމުން މަރުވެ އެތައް ބަޔަކު ޒަޚަމުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި ފުންހިތާމައާ އެކުކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފާހަގަ ކުރައްވާފައިވެއެވެ.

އަދި ކުށެއްނެތް ޢާންމުންގެ ބަޔަކަށް ދެވުނު މި ޙަމަލާއަކީ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުކަމެއްކަމަށާއި އަދި މިއީ އިންސާނީ ކަރާމާތަށް އިހުތިރާމެއް ނެތް، ފިނޑި ޢަމަލެއްކަމުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ޓެރަރިޒަމްގެ މި ފިނޑި ޢަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން މިޙާދިޘާގައި މަރުވި މީހުންނާއި ޒަޚަމްވި ‏މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.‏ އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް އަދުގެ ދުނިޔޭގައި ޖާގައެއްނެތްކަމާއި ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ ޢަމަލުތަކާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

އީރާން ސިފައިންގެ އަވަހާރަކޮށްލާފައިވާ ޖެނެރަލް ގާސިމް ސުލައިމާނީގެ ހަނދާނުގައި ބޭއްވި އެއްވުމެއްގައި އިއްޔެ ދެ ބޮން ގޮއްވާލުމުން އެތައް ބަޔަކު މަރުވި ހަމާލާގެ ޒިންމާ އައިސިސް ޖަމާއަތުން މިހާރު ވަނީ ނަގައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު