ޚަބަރު
ޑރ. މުއިއްޒު ސިނަމާލެ ބްރިޖު ހެދި ކުންފުނީގެ ވެރިންނާ ބައްދަލު ކުރައްވައިފި
ސިނަމާލެ ބުރިޖްގެ އަމަލީ މަސައްކަތްކުރި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ އިސްވެރީންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް ޑރ. މުއިއްޒުގެ އަރިހަށް ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ)ގެ އިސްވެރިންގެ އިހުތިރާމްގެ ޒިޔާރަތެއް ކޮށްފި އެވެ.

ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ އަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ގެ މަސައްކަތް ކުރި ކުންފުންޏެވެ. 

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް ޔާމީންގެ އެޑްމިނިސްޓްރޭޝަން ގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ޗައިނާގެ އެހީގެ ދަށުން ކުރިއަށްގެންދިޔަ ބޮޑު މަޝްރޫއުއެކެވެ. އެ ބްރިޖު ރަސްމީކޮށް ހުޅުވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު އިންގިލާބީ ބަދަލެއް މާލެ ސަރަހައްދަށް ގެނުވި ޕްރޮޖެކްޓެކެވެ. ޖުމުލަ 1.3 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ބްރިޖުގެ ފުޅާމިނުގައި 20 މީޓަރު ހުރެ އެވެ.

ރައީސް ޗައިނާއަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ ޝިއަމެން ފްރީ ޓްރޭޑް ޒޯނަށެވެ. އެ މަނިކުފާނުވަނީ އެ ތަނަކީ ކޮބައިކަން އަންގައިދޭ ވީޑިއޯއެއް ބައްލަވައިލައްވައިފައެވެ. އަދި އެ ޒޯނުގެ މުހިންމު ތަންތަނާއި، އެ ތަނުގައި ކުރާ ކަންކަން ވެސް އެ މަނިކުފާނު ބައްލަވައިލެއްވި އެވެ.

ފްރީ ޓްރޭޑް ޒޯނަކީ ކަސްޓަމްސް ފަދަ އިދާރާތަކުގެ އިދާރީ މަރުހަލާތައް ނުހިނގާ ގޮތަށް، ނުވަތަ ވިޔަފާރިއަށް ވީހާ ވެސް ފަހިވާނެހެން، މުދާ އެތެރެކުރުމާއި، އޭގެން އުފެއްދުންތައް އުފައްދައި، ބޭރުކުރުމާއި، ރީއެކްސްޕޯޓްކުރުން ފަދަ ކަންކަން ކުރާ ޚާއްޞަ ސަރަހައްދެކެވެ.

އެކި ގައުމުތަކުގައި ފްރީ ޓްރޭޑަށް ކަނޑައަޅާ މިންގަނޑުތައް ތަފާތެވެ.

ރާއްޖޭގައި ވެސް އެ ފަދަ ފްރީ ޓްރޭޑް ޒޯނެއް ގާއިމްކުރުމަކީ މި ސަރުކާރުން ވެސް ވިސްނުން ބައްޓަންކުރަމުން އަންނަ ކަމެކެވެ. ހަމައެއާއެކު އެސްއީޒެޑްގެ ތެރެއިން، ޚާއްޞަ ޒޯންތައް ވެސް އަންނަނީ ކަނޑައެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިގްތިޞާދާ ގުޅުންހުރި މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އަދި މުހިންމު އެއްބަސްވުންތަކުގައި ސޮއި ވެސް ކުރާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު