ޚަބަރު
ކުއްޖާގެ މަރުގެ މައްސަލައިގެ މަޖިލީހުން އިންކުއަރީއެއް ހަދަނީ
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން -- ފޮޓޯ: މަޖިލިސް
ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މި މައްސަލައިގައި މިއަދު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ކޮމިޓީންވަނީ އެ ކޮމިޓީގެ އަމިއްލަ އިސްނެގުމަށް މި މައްސަލަ ބެލުމަށް ނިންމާފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގައި އަމަލު ކުރާ އެސްއޯޕީއަކީ ކޮބައިތޯ ބަލާނެ ކަމަށާއި، އަދި މި މައްސަލައިގައި އެސްއޯޕީއާ އެއްގޮތަށް އަމަލުކޮށްފައިވޭތޯވެސް ބަލާނެ ކަމަށެވެ. އަދި އިހުމާލެއް ވާނަމަ އިހުމާލުވެފައިވާ ފަރާތެއްވެސް ބަލާނެ ކަމަށެވެ.

ޖީހާން ވިދާޅުވީ ރައްޔިތެއްގެ، ހާއްސަކޮށް ކުޑަކުއްޖެއްގެ ފުރާނައަށް ގެއްލުން ވެފައިވާ ހާލަތެއްގައި، އުފެދިފައިވާ ދާހިލީ މައްސަލަތަކެއްގެ ސަބަބުން ލިބިފައިވާ ހިދުމަތެއްގެ ބޭނުން ނުހިފުމުމުގެ ސަބަބުން ފުރާނައަކަށް ނުރައްކާވާނަމަ އެ ކަމަކީ އިންކުއަރީ ހަދަންޖެހޭ ކަމެއް ކަމަށެވެ.

ވިލިނގިލީގެ ކުއްޖާ ނިޔާވުމާ އެކު، ސަރުކާރުން ވަނީ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ރެއިން ފެށިގެން ބަދަލުކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނެވޭ ވަރުވީ ޖެހިގެން އައި ބުރާސްފަތި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ. ނަމަވެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނިކޮށް އިއްޔެ ހެނދުނު 11:00 ހާއިރު ވަނީ ނިޔާވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު