ޚަބަރު
ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީލޯންޑަރިންގެ ދައުވާ އުފުލައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލައިފި އެވެ.


ޕީޖީ އޮފީހުން ބުނީ އެފްއޭއެމްގެ އިސްވެރިންތަކެއް ފައިސާއަށް ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުންދަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަކަށް ކަމަށެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި ތަހުގީގުތައް ނިމެމުންދާ ވަރަކަށް އިތުރު ބައިތަކާ ގުޅިގެން ދައުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށްވެސް އެ އޮފީހުން ވިޅުވިއެވެ.

މިހާރު ތަހުގީގު ކުރިއަށްގޮސްފައިވާ ހިސާބުން ދެ ދައުވާއެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވި އެވެ. 

ބައްސާމްގެ މައްޗަށް ދެ ދައުވާ އުފުލައިފައިވާއިރު ހިޔާނާތުގެ ދައުވާގެ ތަފުސީލުދެމުން ޕީޖީ އޮފީހުން ބުނީ ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10000 ޑޮލަރު ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 10004 ޑޮލަރުގެ ޓްރާންސްފަރކުރުމަށް ލިޔެ، ބޭންކަށް ލިޔުން ހުށަހަޅައި، ބޭންކް ޗަރޖަސްގެ ގޮތުގައި 5 ޑޮލަރު އުނިކުރުމަށްފަހު 9999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

ޕީޖީއިން ބުނީ އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި "sales of dollar" ލިޔެފައިވީ ނަމަވެސް، 9,999 ޑޮލަރަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ބައްސާމް އެ ފައިސާ އެފްއޭއެމްއަށް ޖަމާކޮށްފައިވާކަން ވެސް އެނގެން ނެތް ކަމަށާއި އެ ފައިސާ އޭނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.

މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެ ފައިސާގެ ތެރެއިން 1910ޑޮލަރު އެ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕްރައިވެޓްގެ ކަންކަމަށް ބޭނުންކޮށްފައިވާތީއާއި އެ ފައިސާގެ ތެރެއިން 2,000 ޑޮލަރު ސެޕްޓެމްބަރު ފަސްވަނަ ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާތީއެވެ. އަދި އެފްއޭއެމްއިން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް، އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ.

ޕީޖީ އޮފީހުން ބުނީ ބައްސާމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. އަދި ހިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ 100,000 ރުފިޔާއާއި 1000000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެ ކަމަށެވެ.

ޕީޖީއިން ވަނީ މަނީ ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10000 ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފަ އެވެ.

މި މައްސަލައަކީ އަދިވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ތަހުގީގުގެ ކަންކަން ކުރިއަށްދާ ވަރަކަށް އިތުރު މުއާމަލާތްތަކާމެދު ފެންނަންހުރި ނުރަނގަޅު ކަންތައްތަކުގެ މައްޗަށް އަޅާނެ ޤާނޫނީ ފިޔަވަޅުތައް ނިންމުންދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު