ޚަބަރު
ހަމަލާ ދިނީ ޝަމީމަށް ސެކިއުރިޓީ ދިނުން ހުއްޓައިލާފައި އޮއްވައި: ސީޕީ
ޕްރޮސެކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމަށް ހަމަލާދީފައިވަނީ ސެކުއިރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައިވާ ދަނޑިވަޅެއްގަިއ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ކޯޓުގައި ކުރިއަށް ދިޔަ މައްސަލައަކާ ގުޅިގެން ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށް ފަހު ތަންކޮޅެއް ކުރީގައި ޝަމީމަށް ސެކިއުރިޓީ ހިދުމަތް ދިން ކަމަށެވެ. އެހެން ނަމަވެސް އޭރު އޮތް ހާލަތު ނިމުމުން އެ ހިދުމަތް ދިިނުން ހުއްޓާލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތަންކޮޅެއް ކުރީގައި، އެ ދުވަސްވަރު ކޯޓުގައި ހިނގި މައްސަލައަކާ ގުޅޭ ގޮތުން އަޅުގަނޑުމެން ހެދި ތުރެޓް އެސެސްމެންޓެއްގައި ޕީޖީއަށް ސެކިއުރިޓީ ހިދުމަތް ފޯރުކޮށްދެވެމުން ދިޔަ. އެހެން ނަމަވެސް އެއަށް ފަހު، އެކަން ނިމުނީމާ ސެކިިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައި ވަނީ،" ޝުޖާއު ވިދާޅުވި އެވެ.

ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާފިޒު އިތުރަށް ވިދާޅުވީ، މި ހަމަލާއާ އެކު ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް 'މިހާރު ހަށިފާރަވެރިން އައްޔަންކޮށްފައި'ވާ ކަމަށެވެ. ހަމަލާ ދިން ވަގުތު ހަށިފާރަވެރިން ޝަމީމްގެ އަރިހުގައި ނެތްކަމަށާއި ސެކިއުރިޓީގެ ކަންކަން އެގޮތަށް އޮތީ، ޝަމީމް 'އަމިއްލަފުޅަށް ދެއްވި މެސެޖަކުން' ކަމަށް އޭނާ ވިދާޅުވި އެވެ.

ނާފިޒް އެ ވާހަކައާ ގުޅިގެން ސެކިއުރިޓީ ފޯރުކޮށްނުދީ އޮތީ ޝަމީމް އެދިގެންތޯ ނޫސްވެރިއަކު އެހުމުން ޝުޖާއު ވިދާޅުވީ، ތަންކޮޅެއް ކުރިން ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާ ގުޅިގެން ' އޭރު ހެދި ތުރެޓް އެސެސްމެންޓަކާ އެކު' ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދެމުން ދިޔަ ކަމަށެވެ.

"އެހެން ނަމަވެސް އެއަށް ފަހު، އެކަން ނިމުނީމަ ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައި ވަނީ. އެގޮތަށް ދިޔަ ދުވަސްވަރެއްގައި މި ހާދިސާ ހިނގާފައި ވަނީ. އެހެންވީމަ ކުރިން އެ ދެންނެވި މައުލޫމާތު އެއީ އެންމެ ރަނގަޅަކަށް ދެވުނު މައުލޫމާތެއް ނޫން،" ނާފިޒްގެ ވަހަކަތަކާ ގުޅުވައި ސީޕީ ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވަނީ މިފަދަ ހަމަލާއެއް ދޭން ބަޔަކު މީހުން ރާވަމުން އަންނަ މައުލޫމާތު ލިބިއްޖެނަމަ ފުލުހުންނަށް މައުލޫމާތު ދެއްވުމަށް އިލްތިމާސް ކޮށްފައެވެ. އެއީ އެފަދަ ހަމަލާތަކަކީ ފުލުހުންގެ އިންޓެލިޖެންސަށް ވެސް ބައެއް ފަހަރު ނޭނގި ދެވިދާނެ ހަމަލާތަކެއް ކަމަށް ޝުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު