ޚަބަރު
ކުޅުދުއްފުށި ދެކުނުގެ އެމްޑީޕީ ޓިކެޓު އަލީ ވަހީދަށް
ކުރީގެ މެމްބަރު އަދި މިދިޔަ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓު ތަފާތު ބޮޑުކޮށް ކާމިޔާބުކުރައްވައިފި އެވެ.

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް މިހާރު އިއުލާނުކޮށްފައިވާއިރު، ހދ. ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވި އަލީ ވަހީދުއަށް ވަނީ އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރުވެފަ އެވެ.

އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަލީ ވަހީދަށް ވަނީ 245 ވޯޓު ލިބިވަޑައިގެންފަ އެވެ. އެ ދާއިރާގެ ޓިކެޓު ހޯދުމަށް އަލީ ވަހީދުއާ ދެން ވާދަކުރެއްވީ އިބްރާހިމް ރަމީޒު އާއި އަހުމަދު އާތިފް އެވެ.

އަލީ ވަހީދަކީ ނިމިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. އޭނާ އެ މަގާމުން ދުރުކުރީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ، އެ މުވައްޒަފުންގެ ފަރާތުން ސީދާ އޭރުގެ ރައީސަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެ ތުހުމަތުތައް ދޮގުކުރައްވައި އަލީ ވަހީދު ވިދާޅުވާ ގޮތުން ބަޔަކު އޭނާ 'ފްރޭމް' ކުރީ އެވެ.

އެ މައްސަލަ ތަހުގީގުކުރަން ފެށުމާ އެކު، އޭނާ ވަޑައިގެންނެވީ ރާއްޖެއިން ބޭރަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު