ޚަބަރު
ދިރިއުޅުމުގެ އުފާވެރި އިހުސާސްތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ނުކުރަން އެދިވަޑައިގެންފި
ސަރުކާރުގެ ވިސްނުމަކީ ތަޢުލީމާއި، އާމުދަނީއާއި، ޞިއްޙަތާއި، އޯގާވެރިކަމާއި، ދިރިއުޅުމުގެ އުފާވެރި އިޙްސާސްތަކުން އެއްވެސް ރައްޔިތަކު މަޙްރޫމް ނުކުރުންކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ތަޢުލީމީ ނިޒާމަށް ޒަމާނާ އެކަށޭނަގޮތަށް ބަދަލުގެނައުން

ރައީސްގެ ރިޔާސީ ބަޔާނުގައި، ބޮޑެތި އާބާދީތަކާ އެކަށޭނަ މިންވަރަށް ސްކޫލް މަދަރުސާތައް ބިނާކުރުމާއި އެތަންތަނަށް ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދެވިފައި ނެތްކަން ފާހަގަކުރެއްވިއެވެ. އަޅައިނުލާ ދޫކޮށްލާފައިހުރި ހުރިހާކަމެއް ދިރާސާކޮށް، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދޭން ފަށައި، ފައިސާ ނުލިބި މަރާމާތު ނުކުރެވި ހުރި ސްކޫލުތަކުގެ މަރާމާތުތަކަށް 30 މިލިޔަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައި، އެފައިސާ ސްކޫލުތަކަށް ކަނޑައެޅިފައިވާކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، މި ސަރުކާރުން ތަޢުލީމީ ދާއިރާގެ 61 ޕްރޮޖެކްޓް މިހާރު ޓެންޑަރިންގ މަރުޙަލާގައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި، މުދައްރިސުންގެ ގޮތުގައި އެކި މާއްދާތައް ކިޔަވައިދޭނެ ޤާބިލް ދިވެހީން ގިނަކުރަން ފެށުމާއި، ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރިއަށްދާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވި އެވެ.

ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނައުން

ރައީސްގެ ރިޔާސީ ބަޔާނުގައި، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއެކު ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނައުމަށް މަގު ފަހިކުރެވޭނީ ރަސްމާލެ މަޝްރޫޢާއެކުކަން ފާހަގަކުރައްވައި އެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައިވެ އެވެ.
މީގެ އިތުރުން ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމާއި، ގޯތި ދޫކުރުމާއި، ފްލެޓް ބިނާކުރުމުގެ މަޝްރޫޢުތައް މި އަހަރު ފަށާނެކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މާލެއާއި އަތޮޅުތަކާއި ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައިހުރި ފްލެޓާއި ހައުސިންގ ޔުނިޓްތަކުގެ ކުލިކުޑަކޮށްދިނުމާއި މާލީގޮތުން ލުއިދެއްވުމަށް ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަންކަމުގެ ތަފުސީލުތަކަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.

ޞިއްޙީ ދާއިރާ ހަރުދަނާކޮށް ފުޅާކުރުން

ރިޔާސީ ބަޔާނުގައި ރައީސް ވަނީ "ޕްރިވެންޓިވް ހެލްތު ކެއަރ" ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޚާއްޞަ ޕްރޮގްރާމުތައް ތަންފީޒުކުރުމަށް 2024 ވަނަ އަހަރަށް ޚާއްޞަ ބަޖެޓެއް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިތުރު 10 އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ފުޅާކޮށް، ޚިދުމަތްދޭން ފެށުމާއި މިނިޒާމުގެ ދަށުން ދަމަނަވެށި ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ފެންވަރު ރަނގަޅު ބޭސް ރާއްޖެއިން ލިބޭކަން ކަށަވަރުކުރުމަށްޓަކައި "ނޭޝަނަލް މެޑިސިން ޕޮލިސީ" މުރާޖަޢާ ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާއިރު، ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ލެބޯޓްރީއެއް ޤާއިމުކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި ޓަރޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން މިއަހަރު ފަށާ މަޝްރޫޢު ފުރިހަމަވުމުން، މާލެ ނައިސް ރަށާ ކައިރިން ޞިއްޙީ ފަރުވާ ހޯދޭނެ މަގުފަހިވާނެ ކަމުގައެވެ. މީގެ އިތުރުންވެސް، ކުއްލި ފަރުވާއަށް ބޭނުންވާ ޙާލަތުގައި ދުރު ދަތުރުތައް ކުރުމަށްޓަކައި އަންނަ މާރިޗްމަހު އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި، އަދި މިނޫންވެސް ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ހުރި އެކިކަންކަމަށް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު