ވިޔަފާރި
ކާޑުތަކުން ޑޮލަރު ލިމިޓް ކުޑަކުރަން އަދި ނުނިންމާ: ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގް:
ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިނުވާކަމުގެ ޔަގީންކަން ބެންކުން ދީފައިވާކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ވަނީ ބީއެމްއެލުން ދޫކުރާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަ ކުރަން ނިންމަނީ ކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރު ފަތުރަމުންދާ ކަމަށެވެ. ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަ ކުރުމަށް އެއްވެސް ނިންމުމެއް ބީއެމްއެލް އިން އަދި ނިންމާފައި ނުވާ ކަމުގެ ޔަގީންކަން ބޭންކުން މިނިސްޓްރީއަށް ދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފިނޭންސްގެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންކަމަށެވެ. އަދި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް މި ބަޔާނުގައިވެ އެވެ.

އެހެންކަމުން އިޤްތިޞާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރު ފަތުރާ އެންމެހާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި އިލްތިމާސްކުރައްވާފައިވެ އެވެ. 

ޑޮލަރުގެ ދަތިކަން ބޮޑުވެ، ބްލެކް މާކެޓްގައި ޑޮލަރެއްގެ އަގު 18 ރުފިޔާއިން މަތީގައި ހުންނަތާ ވެސް އެތައް މަހެއް މިވަނީ ވެފައެވެ. މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ މި ރާއްޖޭގައި ޑޮލަރުގެ އަގު ބޮޑުވުމާއެކު ބާޒާރުގެ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލެއެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު