ދުނިޔެ
ބުއްޓޫގެ އާއިލާއަށް ހުށަހެޅީ ފަހު 2 އަހަރު ވެރިކަން ހަވާލު ކުރާގޮތަށް: ބިލާވަލް ބުއްޓޫ
ޕީޕަލްސް ޕާޓީގެ ޗެއާމަން ބިލާވަލް ބުއްޓޫ(ވ)
ވެރިކަން ކުރާނެ މީހަކު ކަނޑަނޭޅިގެން ވޯޓާއި މެދު ހަމަނުޖެހުން އުފެދިގައިވާ ޕާކިސްތާނުގެ ގުޅިފައިވާ ކޯލިޝަނުން ހުށަހެޅީ ފުރަތަމަ 3 އަހަރު ނަވާޒުގެ ސަރުކާރުން ވެރިކަން ކުރާ ގޮތަށް ކަމަށާ ފަހު 2 އަހަރު ބިލާވަލް ބުއްޓޫއަށް ވެރިކަން ދޭގޮތަށް ކަމަށް ޕީޕަލްސް ޕާޓީގެ ޗެއާމަން ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނު ހަބަރުތައް ބުނާގޮތުގައި މިހުށަހެޅުމަކީ ބިލާވަލް ބުއްޓޫ ތާއީދުކުރާ ހުށަހެޅުމެއް ނޫނެވެ. ބިލާވަލް ބުއްޓޫ ވިދާޅުވީ މިގޮތަށް ބޮޑުވަޒީރު ކަމަށް ވާން ބޭނުން ނުވާ ކަމަށާއި ގައުމީ މަޖިލީހުގައި ތާއީދު ހޯދުމަށް އެދުނު ކޮންމެ ޕާޓީއަކުން އެމީހުންނާއެކު ކުރިއަށްދާނެ ކަމަށާއި ނަމަވެސް އެއްވެސް މިނިސްޓްރީއެއް ނުނަގާ ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކުރާނެ ކަމަށް ޕީޕަލްސް ޕާޓީން ނިންމާފައިވާ ކަމަށެވެ. 

ބިލާވަލް ބުއްޓޫ މީގެ ކުރިން ވިދާޅުވެފައި ވަނީ ވެރިކަން ނުލިބިއްޖެނަމަ އޭނާ އިދިކޮޅަށް އަރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް މިއަދު ވިދާޅުވީ އަނދަމުންދާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި އާސިފް ޒަރުދާރީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށެވެ. އަދި ރައްޔިތުންގެ ވޯޓުން ނޫން ގޮތަކަށް ބޮޑުވަޒީރަކަށް ވާކަށް މިހާރު ބޭނުން ނުވާކަމަށެވެ.

ޕާކިސްތާނުގައި ބޭއްވި އާންމު އިންތިހާބުން އެއްވެސް ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުން އަމިއްލަ މެންބަރުންނާއި ޕާޓީތައް އިއްތިހާދުވާން ޖެހިފައި ވިޔަސް އެކަމަށް އެއްވެސް ބަޔަކު އެއްބަސް ނުވާތީ މައިނޯރިޓީ ސަރުކާރެއް އެކުލަވާލަން ޖެހިދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.  

އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނެތް އިރު އެންމެ ގިނަ ގޮނޑި ހޯދާފައިވަނީ ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިންތިހާބުގައި ވާދަކުރުން މަނާކުރުމުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓުންނެވެ.

މިނިވަން ކެންޑިޑޭޓުންނަކީ ސަރުކާރު އެކުލަވާލުމުގެ ގާނޫނީ ބާރު އޮންނަ ބަޔަކަށް ނުވާތީ ދެން އެންމެ ގިނައިން ވޯޓު ލިބުނު ޕާޓީތަކުގެ ތެރެއިން އަމިއްލަ މެންބަރުން ތާއީދުކުރާ ޕާޓީއަކަށް ސަރުކާރު ހެދިދާނެ އެވެ. އެކަމަކު ޖަލުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އިމްރާން ވަނީ އޭނާއަށް ތާއީދުކުރާ ކެންޑިޑޭޓުން އެއްވެސް ޕާޓީއަކާ އެކު މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އިމްރާން މިހެން ވިދާޅުވުމަކީ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީ ކަމަށްވާ، ކުރިން ތިން ފަހަރު ވެރިކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް (ޕީއެމްއެލް-އެން) އަށް ވެސް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ހުރަސްއެޅުމެވެ.

ވެރިކަމުން ދުރުކޮށް މިދިޔަ އޯގަސްޓް މަހު ހައްޔަރުކުރީންސުރެ ގިނަ ދުވަހު ހޭދަކުރައްވާފައިވާ ޖަލުގައި ނޫސްވެރިންނާ ވާހަކަ ދައްކަން ދިން ފުރުސަތެއްގައި އިމްރާން ވިދާޅުވީ ނަވާޒް ޝަރީފްގެ ޕާޓީ އަކީ ވެސް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަކީ ވެސް ކޮރަޕްޝަންގެ ތެރޭގައި އޮތް ދެ ޕާޓީ ކަމަށެވެ.

"އަޅުގަނޑުމެން ޕީއެމްއެލް-އެން އަދި ޕީޕީޕީއަކާ އެކު ވެސް އިށީންނާކަށް ނެތިން،" އިމްރާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު