ޚަބަރު
ރައީސް މުއިއްޒުގެ މަރުހަބާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒަށް
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ޝެހްބާޒް ޝަރީފް
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ޝެހްބާޒް ޝަރީފް ދެވަނަ ފަހަރަށް އައްޔަން ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ޑރ. މުއިއްޒު، ޝެހްބާޒަށް ފޮނުއްވި މެސެޖެއްގައި ވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވަރަށް ގާތް ޑިޕްލޮމެޓިކް ގުޅުމެއް އޮތް އިރު، މި ގުޅުން ބިނާވެފައި ވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި ގަދަރުގެ މައްޗަށް ކަން ފާހަގަ ކުރައްވައިފަ އެވެ.

މި މެސެޖްގައި ރައީސް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރާ އެކީގައި ވަރަށް ކައިރިން މަސައްކަތް ކުރަން ބޭނުންވާ ކަން ހާމަ ކުރައްވައިފައެވެ. އަދި ދެ ގައުމުން ގަބޫލު ކުރާ އުސޫލުތަކެއްގެ މަތިން ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައު ބޮޑުވަޒީރަކު އިންތިޚާބު ކުރުމަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި 201 މެންބަރުންގެ ތާޢީދު ޝެހްބާޒް ޝަރީފްވަނީ ހޯއްދަވާފައެވެ. ޝެހެބާޒް ޝަރީފަކީ, ޕާކިސްތާނުގެ ޢާންމު އިންތިޚާބުގައި ވާދަކުރި ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީގެ އިސްވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު