ވިޔަފާރި
އަހަރުގެ މިހާތަނަށް ބައިލައްކަ ޗައިނާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
މި އަހަރު ރާއްޖެ ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ބައިލައްކަ ހުރަސްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ 24 ވަނަ ދުވަހުގެ ނިޔަލަަށް ރާއްޖެއަަށް ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ވަނީ ބައިލައްކަ ފަހަނައަޅައި ގޮސް 51،984 އަށް އަރައިފަ އެވެ. 

އެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 378،245 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 177،915 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީ ތިންވަނައަށް ވައްޓާލުމަށްފަހު ރަޝިޔާއިން ވަނީ 36،423 ފަތުރުވެރިންނާއެކު ލިސްޓުގެ ދެވަނަ ހޯދާފައެވެ. ތިން ވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް 35،834 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި މިމަހުގެ 24 އާ ހަމަޔަށް ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތް މިހާރު އޮތީ 33،401 ފަތުރުވެރިންނާއެކު ލިސްޓުގެ ހަތަރު ވަނައިގައެވެ.

ރާއްޖެއަށް މި އަހަރު އެވްރެޖުކޮށް ދުވާލަކު 7،744 ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. އަދި އެވްރެޖުކޮށް ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން 7.8 ދުވަހު ރާއްޖޭގައި މަޑުކުރެ އެވެ.

މީގެއިތުރުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 378،245 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.2 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. އަދި މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒު ހިފާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު