ޚަބަރު
ކުދިން އުފަންވާ ނިސްބަތް މަދުވުމުގެ މައްސަލައަށް ހައްލު ބޭނުން: ސާޖިދާ
ރާއްޖޭގެ އާބާދީ އިތުރު ކުރަން ޖެހޭ ކަމަށާއި އެހެން ނޫން ކަމަށްވާ ނަމަ ގައުމީ ތަރައްގީ އަށް ވަރަށް ބޮޑަށް ހުރަހަކަށް ވާނެ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގެ އާބާދީ އޮތްގޮތާއި ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްކަމަށްވާ "ޗޭންޖިން ޕޮޕިއުލޭޝަން ޑައިނަމިކްސްއިން މޯލްޑިވްސް" ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ ރާއްޖޭގައި އުފަންވާ ނިސްބަތް ދަށްވަމުންދާ މައްސަލައަށް ޙައްލު ގެނައުމަށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ މީގެ 20 އަހަރު ފަހުން ރާއްޖޭގެ އިގުތިސާދީީ އިންޖީނު ހިންގުމަށް ވަޒީފާ އަދާކުރާނެ ވޯކް ފޯހެއް ނެތުމުގެ މައްސަލައާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ 76 އިންސައްތައަކީ މަސައްކަތްކުރާ އާބާދީ. މިއީ މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ޤައުމީ ފެންވަރުގައި. އެހެންނަމަވެސް އުފަންވާ ކުދިންގެ ރޭޓަށް ބަލާއިރު ރާއްޖޭގެ މަސައްކަތްކުރާ އާބާދީ ބޮޑުތަކުން ކުޑަވެ ޤައުމީ ތަރައްޤީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. އެކަމަށް މިއަދު ލިބިފައިވާ ފުރުސަތުގައި ފިޔަވަޅު އަޅަންޖެހޭ." ސާޖިދާ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޝިއާ އަދި ޕެސިފިކް ސަރަޙައްދަށް ޔޫއެންއެފްޕީއޭއިން ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ޕިއޯ ސްމިތު ވިދާޅުވީ ޤައުމެއްގެ ދުޅަހެޔޮކަމާއި ކުރިއެރުން ހަމައެކަނި ވަޒަން ކުރެވެނީ ޒުވާން އާބާދީއާއެކުގައި ނޫންކަމަށެވެ. އޭގެ ބަދަލުގައި ދުވަސްވީ މީހުންގެ އާބާދީގެ ދުޅަހެޔޮކަމަކީ މުހިއްމުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކުދިން އުފަންވުން މަދުވުމުގެ މައްސަލަ ރާއްޖޭގައިވެސް ބޮޑުވަމުންދާއިރު އެކަމަށް އަވަސް ޙައްލެއް ހޯދުމަށް އޭނާ ވަނީ ބާރުއަޅުއްވާފަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު ވިދާޅުވީ ސަރުކާރުގެ އުސޫލުތަކުގެ ތެރެއިން ޢާއިލާތަކަށް ލިބޭ ލުއިތައް އިތުރުކޮށް އުފަންވާ ކުދިންގެ އާބާދީ އިތުރުކުރުމާމެދު ވިސްނަންޖެހޭކަމަށެވެ. އަދި ހަމައެއާއެކު މިހާރު އޮތް ޒުވާނުންގެ އާބާދީ، އުމުރުން ދުވަސްވީ މީހުްނގެ އާބާދީއަކަށް ބަދަލުވާއިރު އެކަމަށްޓަކައިވެސް ޤައުމުގެ ސިއްޙީ ޚިދުމަތާއި އެނޫންވެސް ޢާއްމު އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރަންޖެހޭކަން ވަޒީރު
ވަނީ ފާހަގަކުރައްވާފައެވެ.

"މިމައްސަލަ ޙައްލުކުރުމަށް ޕޮލިސީ ލެވެލްގައި ބަދަލުތަކެއް ގެންނަންޖެހޭ. މިގޮތުން ޕޮލިސީތައް ތަޢާރަފްކޮށް މަސައްކަތު ވަގުތު ބެލެންސްކުރުމާއި، ޗައިލްޑް ކެއަރ ސަޕޯޓްގެ ޚިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއެކު މިޕްރެޝަރކުޑަވެގެންދާނެކަމަށް ބެލެވޭ." ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވަނީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ނެރެފައިވާ ތަފްސީލީ ދިރާސާތައް ޢާއްމުކޮށްފައެވެ. އަދި މިނަތީޖާތަކަށް ބިނާކޮށް ރަށު ފެންވަރުގައި ތައްޔާރުކޮށްފައިވާ އައިލެންޑް ކާޑުތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ބެހޭގޮތުން ހައިލެވެލް ޕެނަލް ޑައިލޮގެއްވެސް ކުރިއަށްގެންގޮސްފައެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު