ޚަބަރު
ފުނަދޫގެ އެއަރޕޯޓާއި ހޮސްޕިޓަލް ބޮޑުކޮށް، ތަރައްޤީކޮށްދޭނަން: ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް
ފުނަދޫ އެއަރޕޯޓް ބޮޑުކޮށް އިތުރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ށ.ފުނަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެރަށުގެ ތަރައްގީއަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އެގޮތުން ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމާއި، ހުރިހާ މަގެއް ހެދުމާއި، ބިން އިތުރު ކުރުމުގެ އިތުރުން ބަނދަރުގެ މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އަދި، ރަށް ހިމާޔަތް ކުރަން ފެށިފައި އޮތް މަސައްކަތް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށާއި، އެއީ ރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށް ވެސް މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ދެއްވި ޔަގީން ކަމަކީ، އެ ހުރިހާ ކަމެއް ކޮށްދެއްވައި ނަތީޖާ ނެރެދެއްވާނެ ކަމެވެ. ރަށުގެ ބިން ހިއްކައި، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރިޔާސީ އިންތިހާބު ތެރޭގައި ވެވަޑައިގަތް ވައުދު ތަކުރާރު ކުރެއްވި އެވެ. 

ށ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރަން ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ޓޫރިޒަމް މަޝްރޫއުތަކާއި އެއާޕޯޓް ތަރައްގީގެ މަޝްރޫއާއެކު އާންމުންގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އެއާޕޯޓް ބޮޑުކޮށް، ބިން އިތުރުކޮށް ބަނދަރު ރަނގަޅު ފެންވަރަކަށް ހަދައި މަގުތައް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުން މިހިރީ އެކުއެކީގައި އިރާދަކުރެއްވިއްޔާ ގެންދަންޖެހޭ ކަންތައްތައް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.  

ފުނަދޫގެ އެއާޕޯޓުގައި އޮންނަ ރަންވޭއަކީ 1،200 މީޓަރު ދިގު، 30 މިޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނަ އިރު، އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.

އެމްޓީސީސީން ތަރައްގީ ކުރި ފުނަދޫ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ 2020ވަނަ އަހަރުގެ ޖެނުއަރީމަހުގެ 24ވަނަ ދުވަހުގައެވެ.

ރައީސް ވިދާޅުވީ އެންމެ އިސްކަންދެއްވާ އެއް މަސައްކަތުގެ ގޮތުގައި ފުނަދޫގެ ހޮސްޕިޓަލް ތަރައްޤީކުރައްވާނެކަމަށެވެ. މި ހޮސްޕިޓަލަކީ ފުނަދޫއަށް ހިޖުރަކޮށްފައިވާ 9 ރަށުގެ މީހުންނާއި ކައިރި ހިސާބުތަކުގެ ރައްޔިތުންވެސް ބޭނުންކުރާ މައި ހޮސްޕިޓަލެވެ. ރައީސް ވިދާޅުވީ ޖާގައާއި ޚިދުމަތްތައް އަދި ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުންވެސް އިތުރުކޮށްދެއްވާނެކަމަށެވެ.

މީގެއިތުރުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ސްކޫލްގެ ޖާގަ އިތުރުކުރުމާއި ރަށުގައި ތިބެގެން ކުޅިވަރު ކުޅެވޭނެ ފެސިލިޓީ ޤާއިމުކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ށ.ފުނަދޫޢަކީ އެއްފަސްކުރުމުގެ ސިޔާސަތުވެސް ކުރިއަށްގެންދެވޭނެ ފުރުޞަތު އޮތް ރަށެއްކަމަށެވެ. އެހެންކަމުން ރަށް ތަރައްޤީވެގެން އަންނާނީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައިކަމަށެވެ. އަދި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ކުރިއަށްގެންދަވާނެކަމަށެވެ. ފުނަދޫގައި މިހާރުވެސް 9 ރަށުން މީހުން ހިޖުރަކޮށް ދިރިއުޅެމުން އާދެއެވެ. މިއާއެކު ރަށުގެ އާބާދީ 2000އިން މައްޗަށްއަރަ އެވެ.

މީގެއިތުރުން ސަރަޙައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާއި ސަރަހައްދުގެ ފަޅު ރަށްތައް ހިމެނޭގޮތަށް އިކޯ ޓުއަރިޒަމްގެ މަޝްރޫޢުވެސް ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު