ޚަބަރު
ކެންޑިޑޭޓެއްގެ ފޯމް ބަލައިނުގަތުމަށް އީސީން ނިންމީ ގޯސްކޮށް: ސުޕްރީމް ކޯޓު
ކެޔޮދޫ ދާއިރާއަށް ވާދަކުރާ އައިޝަތު އަފްނާން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ ގޯސްކޮށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އަފްނާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީޑާޝިޕުގައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޓީމުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓެކެވެ.

އޭނާގެ ކެންޑިޑެސީ ބަލައިނުގަންނަން އެ ކޮމިޝަނުން ނިންމީ، ކެންޑިޑެސީ ފޯމާއެކު ހުށަހަޅަން ޖެހޭ ރަސްމީ އެޖެންޓުގެ ކުށާއި ދަރަނީގެ ރެކޯޑު ހިމަނާފައި ނެތް ކަމަށް ބުނެ އެވެ.

މި މައްސަލަ ކޯޓަށް ވައްދައި، އަފްނާން ބުނެފައި ވަނީ އޭނާގެ ރަސްމީ އެޖެންޓު ފެމެލީ ކޯޓަށް ފައިސާ ދައްކަން ޖެހިފައި އޮތްކަން އެނގިގެން އެފައިސާ، އިންތިހާބުގައި ވާދަކުރުމުގެ ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ކޯޓުން ދޫކޮށްފައިވާ ރަސީދު ވެސް އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ހުކުމުގައި ބުނެފައި ވަނީ، އަފްނާންގެ ރަސްމީ އެޖެންޓުގެ ދަރަންޏެއް ނެތް ކަމަށް ބުނާ ފެމިލީ ކޯޓުގެ ތަތްގަނޑާއެކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޓޭޗްމަންޓެއް ހިމަނާފައިވާ ކަމަށާއި، އެއީ އިންތިހާބީ އެޖެންޓް ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަންޏެއް އަދާކުރަމުންދާ ލިޔުމެއްކަން ނުވަތަ ނޫންކަން އީސީން ކަށަވަރު ކުރަންވާނެ ކަމަށެވެ. އެކަން ކަށަވަރު ކުރިނަމަ އަފްނާނަށް ފޯމާއެކު ލިޔެކިޔުންތައް ހަމަކުރާނެ އިތުރު ފުރުސަތެއް ދެވުނީސް ކަމަށެވެ.

އެހެންވެ، ހުކުމް ކޮށްފައި ވަނީ އީސީގެ ނިންމުން ގޯސް ކަމަށާއި، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަފްނާނަށް ދޭން ވާނެ ކަމަށެވެ.

ކެޔޮދޫ ދާއިރާއަށް އަފްނާންގެ އިތުރުން ތިން ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެއީ އެމްޑީޕީ، ޕީއެންސީ އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނެވެ.

އަފްނާންގެ އިތުރުން ވެސް ކެންޑިޑެންސީ ބަލައިނުގަތް މައްސަލާގައި އެހެން މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އޭނާގެ ފޯމް ބަލައިނުގަތީ އެޖެންޓްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި އިލެކްޝަން ކޮމިޝަނުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ބުނެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު