ޚަބަރު
ރޯދަ ހަދިޔާ ދޭންވާނީ ކޭޝްފުލޯއަށް އަސަރުނުކުރާ ވަރަށް: ޕީސީބީ
މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ފޮޓޯ: ސަން
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމުގައި ކޭޝް ފްލޯއަށް ދަތިނުވާ ގޮތަށް އެ ދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު އަންގައިފި އެވެ..

ޕީސީބީއިން މިހެން އަންގަވާފައިވަނީ ރޯދަމަހުގެ އިނާތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގުޅޭގޮތުން ނެރުނު ސާކިއުލާއެއްގަ އެވެ.

ޕީސީބީއިން ވިދާޅުވީ ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތަށް ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަަމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.

ޕީސީބީގެ ސާކިއުލާގައި ބުނެފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންކަމަށެވެ.

މީގެ އިތުރުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް "ޕޭ ލީވް" އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށްވެސް ވަނީ އަންގާފަ އެވެ.

މި ގޮތުން މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަސް ތެރޭގައި އެނބުރި ހިދުމަތަކަށް ނުކުމެއްޖެނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަކަށް އިނާޔަތުގެ ފައިސާ ދިނުމަށް ސާކިއުލާގައިވެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަސް ފިޔަވައި ދެވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުުރަން ފަށާ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި އެ އަދަދަކަށް އިނާޔަތު ފައިސާ ދިނުމަށްވެސް ވަނީ އަންގާފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު