ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީރާގެ ކުރީގެ ދެ ވެރިން ކަމަށްވާ ޔަޒީދު މުހައްމަދު އާއި ހަސަން ޒަރީރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް އިއްވާފައެވެ.އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ފެނިވަޑައިގަންނަވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ތަރުތީބުގެ ކުރީގައި އޮތީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަމެވެ. އަދި ދެވަނައިގައި އޮތީ އޭރު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރެވެ. މި ނަންތައް ދިރާސާ ކުރުމަށް ވަނީ އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފައެވެ.މި ދެބޭފުޅުންގެ މަގާމު ކުރިން ގެއްލުނީ ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ އެކުއެވެ.ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މީގެ ކުރިން ހުންނެވި ފަތުހުﷲ ޖަމީލް މަގާމުން އިސްތިއުފާ ދެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ އުފަން ރަށް -- ތ. ތިމަރަފުށި ހިމެނޭ ތިމަރަފުށި ދާއިރާއަށް ވާދަކުރެއްވުމަށެވެ.
ފަތުހުﷲ އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަންކުރެއްވީ އޮކްޓޫބަރު 31، 2019 ގައެވެ.