ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރުއަށް އައްޔަންކުރަން ކޮމިޓީން ރުހުން ދީފި
އަލީ ރާޒީ
07 މެއި 2024 - 21:59
0 comments
ހަސަން ޒަރީރު: އޭނާ ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކުރަން ކޮމިޓީން ވަނީ ރުހުން ދީފައި --
ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ކުރީގައި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހަސަން ޒަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގުތިޞާދީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ ނަމެއް މަޖިލީހަށް ފޮނުއްވާފަ އެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަންފުޅާއި ޒަރީރުގެ ނަންފުޅެވެ.
އިގްތިސާދީ ކޮމިޓީން ވަނީ މިއަދު ދެ ބޭފުޅުންނާ ވެސް އިންޓަވިއުކޮށްފައެވެ. އެއަށްފަހު ވަކިވަކިން ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ވޯޓު ނަގާފައިވާއިރު ޒަރީރަށް ރުހުން ދިނުމަށް ފާސްވެފައިވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 10 މެންބަރުންގެ ވޯޓުންނެވެ. ޔަޒީދު އައްޔަން ކުރެއްވުމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.ޒަރީރަކީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މާޗު މަހުގެ 25ވަނަ ދުވަހުއެވެ.ޓެކްސް ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް ފޮނުވި ޔަޒީދާއި ޒަރީރުގެ މަގަމު ގެއްލުނީ، މީރާގެ ކޮމިޝަނަރު އަދި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ކަނޑައަޅަން، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ޝުއޫރު