ޚަބަރު
ވާނުވާ ބަންދުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދޭނަން: ރައީސް
ޝަރީއަތް ނިމެންދެން ކުށުގެ ތުހުމަތު ކުރެވޭ ބައެއް މީހުންނަށް ޖަހާ "ވާނުވާ" ބަންދުގެ ކަންކަން ހައްލު ކުރުމުގެ ގޮތުން ތަހުގީގު މަރުހަލާ އިތުރަށް ހަރުދަނާ ކުރަމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ " ރައީސްގެ ޖަވާބު" ޕްރޮގްރާމަށް މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ކުރެއްވި ސުވާލަށް ދެއްވި ޖަވާބު ދެއްވަމުންނެވެ. އޭނާ ސުވާލުކުރީ، ޝަރީޢަތް ނިމެންދެން ކުރާ ބަންދު ނުވަތަ "ވާނުވާ"ގައި ތިބޭ މީހުން ދޫކޮށްލުމަކީ ރައީސްގެ ވަޢުދެއްކަމަށާއި އެކަން ކުރައްވާނީ ކޮން އިރަކުތޯއެވެ. 

"އެކަމާ ގުޅޭގޮތުން މިހާރު އިސްލާހުތަކެއް ގާނޫނަށް ގެނައުމަށް ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް މައްސަލައަށް ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް މިދިޔަ މަހު ފައްޓަވާނެކަން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވަނީ އިއުލާނުކުރައްވައިފައެވެ. އެގޮތުން، ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ މި ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު