ޚަބަރު
ޝަމާހު ސަސްޕެންޑް ކުރި މައްސަލައިގައި ޕީސީބީން ގޯސް ހަދާފައިވާކަން ހާމަވެއްޖެ
މިފްކޯގެ ސީއީއޯ: އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފައި --
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މިފްކޯއިން 12 ކަމެއް ކޮށްފައި ވާކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް އޭނާއަށް އިންޒާރު ދިނުމަށްފަހު މިއަދު ކުއްލިގޮތަކަށް ވަނީ ސަސްޕެންޑް ކޮށްފައެވެ. 

14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރިކަން އަންގައި  ޕީސީބީން ޝަމާހަށް ފޮނުވި ސިޓީގައިވާގޮތުން އޭނާގެ މައްޗަށް އެ ބޯޑުން އަންނަނީ، ކުރިން ހުށަހެޅި 12 މައްސަލައާ ގުޅޭ އެންކުއަރީއެއް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޝަމާހު އެ މުއްދަތަށް ސަސްޕެންޑް ކުރީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ށ ގެ 1 ވަނަ ނަންބަރުގައިވާ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައިކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެކަމަކު ޝަމާހުގެ މައްޗަށް ޕީސީބީން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން ޕީސީބީން އޭނާ އާ އެއްވެސް ސުވާލެއް ކޮށްފައި ނުވެއެވެ. އަދި ވަކި ކަންތައްތަކެއް ފާހަގަކޮށް، އެކަންކަން ނުކުރުމަށް އެންގުމަށްފަހު، އަނެއްކާވެސް ކުއްލިގޮތަކަށް އެ މައްސަލަ އަލުން ނެގުމަށްފަހު، އެ ކަންކަމާ ގުޅޭ އެންކުއަރީއެއް ހަދަން ޖެހުނު ސަބަބެއްވެސް ޕީސީބީން ސާފުކޮށްދީފައެއް ނުވެއެވެ. 

އެނގިފައިވާގޮތުގައި މިފްކޯ ވަގުތީގޮތުން ހިންގުމާ ހަވާލުވުމަށް ޕީސީބީން އަންގާފައިވަނީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އެގްޒެކެޓިވް (ސީއެފްއޯ) އިލްޔާސް ހަނީފަށެވެ.

ޝަމާހު ސަސްޕެންޑް ކުރިކަން ލިޔުމުން އެންގިތާ ގިނައިރުތަކެއް ނުވަނީސް ޕީސީބީގެ މެންބަރުން ވަނީ މިފްކޯގެ ސީއީއޯ ބިއުރޯއަށް ކުއްލިގޮތަކަށް ވަދެގަނެ ބިއުރޯގެ މީޓިން ރޫމް ހިސާރުކޮށްފައެވެ. އެއަށްފަހު ސީއެފްއޯ އާއި ޝަމާހުއާ ދެކޮޅަށް ބަޣާވާތެއް ކުރަމުން އަންނަ ކަމަށް މީޑިއާތަކުގައި ކުރިން ރިޕޯޓު ކުރި، އެކުންފުނީގެ އިސް މުވައްޒަފެއް ކަމުގައިވާ ޝަފްނާ މޫސާ އެތަނަށް ވަތްކަން ވަނީ އެނގިފައެވެ. އެމީހުން ކުއްލިގޮތަކަށް ބިއުރޯއަށް ވަދެގަތީ ކުރިން އެންގުމަކާ ނުލައި ވަރަށް އަނިޔާވެރިގޮތަކަށްކަން އެ ވަގުތު އެ މަންޒަރު ދުށް މިފްކޯގެ މުވައްޒަފަކު ވަނީ ބުނެފައެވެ.

"ސީއީއޯއަށް އެންމެ ކުޑަމިނުން ޖަވާބުދާރީވާން ވެސް ފުރުސަތެއް ނުދޭ. ހީވީ ބަޔަކު އަރަގަތްހެން. ޝަފްނާ ބޭނުންވާ ވައްކަން ނުކުރެވުމުން ޕީސީބީގަ އުޅޭނެ މިތާ މުވައްޒަފެއްގެ އަތްނބަކު. އޭނަ ލައްވައި ޝަފްނާ ކުރުވިކަމެއް މިއީ." އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ޕީސީބީގެ އިސްވެރިޔަކު ވިދާޅުވީ އެއީ ބޯޑުގެ ނިންމުމެއް ކަމުގައެވެ. އިޖުރާއަތްތައް ފުރިހަމަ ނުކުރާކަމުގެ ތުހުމަތު ޕީސީބީއަށް އަމާޒުވެފައި އޮތްކަމަށް ކުންފުނީގެ ގިނަ ބަޔަކު ގަބޫލުކުރާ މި މައްސަލަައިގައި އެންމެ ބޮޑު ތުހުމަތެއް މުވައްޒަފުން ކުރަނީވެސް ޝަފްނާއަށެވެ.

ޕީސީބީން މިއަދު ޝަފްނާ އާއެކު ބޭއްވި ބައްދަލުވުން ވަކިގޮތަކަށް ނުނިމި، އެ މައްސަލައިގެ އިތުރު ބައްދަލުވުމެއް މާދަމާ ވެސް އެ ކުންފުނީގެ ސީއީއޯ ބިއުރޯތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝަފްނާ އަކީ ކުރީގެ ވެރިކަމުގައި ނުފޫޒުގެ ބޭނުންކޮށްގެން އެކުންފުނީގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމަށް އައި މީހެއް ކަމަށް ވިޔަސް، އޭނާއަކީ ނާގާބިލު މީހެއް ކަމުގައި ކުންފުނީގެ މުވައްޒަފުން ވަނީ ސިފަކޮށްފައެވެ. އޭނާގެ ފަރާތުން އަހުލާގީ މައްސަލަތަކެއް ފާހަގަވުމާއި، ކުންފުނީގެ ގާބިލް މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރުން ފަދަ ކަންކަމާ ގުޅިގެން ޝަމާހު ވަނީ މީގެ ކުރިން ޝަފްނާގެ ޑިޕާޓުމެންޓް ބަދަލުކޮށްފަ އެވެ. އަދި ޝަފްނާ ކުންފުނީގެ ތެރޭގައި ބަޣާވަތްކުރަނީ އެ ސަބަބާހުރެ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު