ޚަބަރު
މިފްކޯގެ ސީއީއޯ، މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ޕީސީބީ އުލުބައިންދައިފި
މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހު ރަޝީދު
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހު ރަޝީދު ސަސްޕެންޑު ކުރީ ކުރި ތުހުމަތަކީ ތެދެއްތޯ ބެލުމެއްނެތި ޒާތީގޮތުންކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ޝަމާހު އާއި ޕީސީބީގެ ރައީސް ހާޒިރުކޮށް ކޮމިޓީގެ މެމްބަރުން ކުރި ސުވާލުތަކަށް ދިން ޖަވާބުންނެވެ.

ޝަމާހު ވިދާޅުވީ އޭނާ ސަސްޕެންޑުކުރީ މިފްކޯއަށް އެތައް މިލިއަންގެ ގެއްލުން ލިބޭގޮތަށް ވަކި ބަޔަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ޒަމާނުއްސުރެ ކުރަމުން އައި ކަންކަން ހުއްޓުވަން އޭނާ ފިޔަވަޅު އެޅުމުން ކަމަށެވެ.

ޝަމާހު ތުހުމަތު ކުރެއްވިގޮތުގައި އަސްލެއް ނެތް ތުހުމަތުތަކެއް ކޮށްގެން އޭނާ ސަސްޕެންޑުކުރުމުގެ އަޑީގައި ހުރީ މިފްކޯގެ ޗީފް އިންޓާނަލް އޮޑިޓަރު ޝައުން ޝަރީފެވެ. އޭނާ އެކަން ކުރީ ޕީސީބީގެ ސީނިއާ ފައިނޭންޝަލް އެނަލިސްޓަކަށް އުޅޭ އޭނާގެ އަނބިކަނބަލުންގެ އެހީގައި ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

އެ ދެ ބޭފުޅުން އެ ދެ ތަނުގައި ވަޒީފާއަދާކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައިވާއިރު، އެކަން ޕީސީބީއަށް ފާހަގަވެ ފިޔަވަޅު އަޅާފައިނުވާކަން ކޮމިޓީގެ މެމްބަރުން ފާހަގަކުރި އެވެ. އެކަމަށް އެދެވޭ ޖަވާބެއް ޕީސީބީއަށް ދެވިފައެއްނުވެ އެވެ.

ސަސްޕެންޑުކުރަން ނިންމި މައްސަލައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އެކަށީގެންވާ ތައުލީމީ ފެންވަރެއް ނެތް ބަޔަކަށް އިސް މަގާމްތަކެއް ދިނުމާއި ބައެއް އިސް މުވައްޒަފުންގެ މަގާމު ދަށްކުރި ކަމަށް ކުރި ތުހުމަތު ހިމެނެ އެވެ.

އެއީ އަސްލެއް ނެތް ތުހުމަތެއްކަން ޝަމާހު ވަނީ ކޮމިޓީއަށް ސާބިތުކޮށްދީފަ އެވެ. ޝަމާހު ވިދާޅުވީ އިސް މަގާމްތަކަށް މީހުން ހަމަޖެއްސީ ކުންފުނީގެ ބޯޑުން އޭނާއަށް އެ ބާރު ދިނުމުން ކަމަށެވެ. އަދި އިސް މަގާމްތަަކަށް ހަމަޖެއްސި އެންމެންނަކީ ޑިގްރީ ފެންވަރުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ހެކި ވެސް އޭނާ ދެއްކެވި އެވެ.

ބައެއް އިސް މުވައްޒަފުންގެ މަގާމު ދަށްކުރީ މަސައްކަތުގެ ޕާފޯމަންސް ބެލުމަށްފަހު ކަމަށާއި އެކަން ކުރީވެސް ކުންފުނީގެ ބޯޑުން އޭނާއަށް އެ ބާރުދިނުމުން ކަމަށް ވެސް ޝަމާހު ވިދާޅުވި އެވެ.

އެހެންކަމުން އެ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް އޭނާ އެކަނި ސަސްޕެންޑުކުރަން ޖެހުނީ ކީއްވެތޯ ޝަމާހު ސުވާލު އުފެއްދެވި އެވެ. ޝަމާހު ވިދާޅުވީ އެކަންކަމާ ގުޅޭގޮތުން ސަސްޕެންޑު ކުރާނަމަ ބޯޑުގެ ހުރިހާ މެމްބަރުން ވެސް ސަސްޕެންޑު ކުރަންޖެހޭނެ ކަމަށެވެ.

ޝަމާހު ސަސްޕެންޑުކުރުމަށްފަހު ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހިންގަމުން އަންނަ ކަމަށް މިފްކޯގެ ޑެޕިއުޓީ މެނޭޖަރު ސީއާރްއެސް އެންޑް ޕަބްލިކް ރިލޭޝަންސް އިބްރާހީމް ސައީދު ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވީ ޝަމާހު ސަސްޕެންޑުކުރުމަށްފަހު ކޮރަޕްޝަންގެ ތެރެއިން ބޮޑެތި ކަންކަން ކުރަމުންްދާ ކަމަށެވެ.

މީގެއިތުރުން ޝަމާހު ވަނީ ތައިލޭންޑަށް ދަތުރުފުޅެއް ކުރައްވައި އެ ގައުމަށް މަސް އެކްސްޕޯޓްކޮށްގެން މިފްކޯއަށް ގެއްލުންވާގޮތް ދެނެގަނެދަ އެވެ. އޭނާ އެކަން ކުރުމުން އެ ދަތުރަކީ ގާނޫނާ ހިލާފަށް ކުރި ދަތުރެއް ކަމަށް އަންނަނީ ބުނަމުންނެވެ.

ތައިލެންޑު ދަތުރުގައި މިފްކޯއިން ހުށަހެޅީ ރާއްޖޭގައި ގްރޭޑަރަކު ބަހައްޓައިގެން، ގްރޭޑުކޮށްފައި ރަނގަޅު ކަމަށް ބަލައިގަންނަ ހުރިހާ މަހެއް ތައިލެންޑާ ހަމައަށް ފޮނުވުމުން ގަންނަން ޖެހޭ ގޮތަށެވެ. މިއީ މިފްކޯއަށް އެންމެ ބޮޑު ގެއްލުމެއް ލިބޭ ގްރޭޑްކޮށްފައި ހުރި މަސްތައް ރިޖެކްޓުވާ މައްސަލައިގައި ލިބޭ ގެއްލުންތައް ކުޑަކުރުން އެ ކުންފުނިން ހުށަހެޅި ގޮތެއް ކަމަށް ޝަމާހު ވިދާޅުވި އެވެ.

ނަމަވެސް މިފްކޯއިން ހުށަހަޅާ ގޮތަށް މަސް ގަންނާނެ ބަޔަކު ނުވާނެ ކަމަށް ތައިލެންޑުގެ މަސް ގަންނަ ކުންފުނިތަކުން އެންގި ކަމަށް ޝަމާހު ވިދާޅުވި އެވެ. އެ ދަތުރުފުޅުން ފާއިތުވި މާޒީގައި އެކަން ހިނގަމުންް އައިގޮތް ވަރަށް ބޮޑަށް ސާފުވި އެވެ. 

މި ކުންފުނިތަކާ މިފްކޯގެ ބައެއް މެނޭޖަރުންނާއި މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި ރިޖެކްޓުވާ މަސް ތިންވަނަ ބަޔަކަށް ވިއްކައިގެން މަސް ގަންނަ ކުންފުނިތަކާއި މިކަމުގައި ބައިވެރިވާ މިފްކޯގެ މީހުން ފައިސާ ހޯދަ އެވެ. މިއީ ނާޖާއިޒްގޮތުގައި ހޯދަމުން އައި ފައިސާކަން ވަނީ ހާމަވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު