ޚަބަރު
ފަހުދިހައިގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރަމަޟާންމަހުގެ ފަހުދިހައިގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

"ރައީސްގެ ޖަވާބު" ގައި އެ މަނިކުފާނު ވަނީ މި ފުރުޞަތުގެ ބޭނުން ހިފައި ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަޅުކަން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދުކުރަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމަށެވެ.

މިއީ އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީޚަށް ބަލާއިރު، ރަމަޟާންމަހުގެ ފަހުދިހަ ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.

ފަހުދިހައިގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށް މިއަހަރުގެ ރޯދަމަސް ވާނެއެވެ.

އަހަރުތެރޭގައި އަންނަ އެންމެ ހެޔޮކަން ބޮޑު ރޭ ކަމުގައިވާ ލައިލަތުލްޤަދްރު ވަނީ ރޯދަމަހުގެ ފަހު 10 ގެ ތެރޭގައެވެ. ފަހު 10 ގައި އަޅުކަން އިތުރުކުރުމަށް މުޅި އުންމަތަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި އެކަލޭގެފާނުގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު އެންމެ ދީލަތިކަމާ އިޙްސާންތެރިކަން އިތުރުކުރެއްވީ ރަމަޟާންމަހުގެ ފަހު 10 ގައެވެ. މިއަދުން ފެށިގެން ކުރިއަށް އޮތީ މި ރޯދައިގެ ފަހު ދިހައިގެ ދުވަސްތެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު