ޚަބަރު
އެންޓި ޑިފެކްޝަން ބިލް ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލު މިއަދު އެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 33 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް 6 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މި ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު 3 ވަނަ މާއްދާގެ އަރިމަތީ ސުރުހީގައި ބަޔާންކޮށްފައިވަނީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް" މިހެންނެވެ. އެހެންނަމަވެސް ކޮމިޓީން ބިލު އިސްލާހުކުރިއިރު މިހާރު ބަޔާންކޮށްފައިވަނީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް" ކަމަށެވެ.

މަޖިލީހުން ފާސްކުރި ބިލުގެ 3 ވަނަ މާއްދާގައި ބުނެފައިވަނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށެވެ. އަދި އިސީން އެކަން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މީހަކު މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ. މީގެއިތުރުން މެންބަރު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނުފެނޭތޯ، ރިކޯލް ވޯޓު ނެގުމުގެ ބާބެއް މި ބިލު ހުށަހެޅިއިރު ހިމަނާފައިވާއިރު، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނި މި ބާބު އުނިކުރުމަށްފަހުއެވެ.

މި ބިލުގައި ވަނީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނަކަށް މީގެ ކުރިންވެސް އަމަލުކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން މެމްބަރަކު ޕާޓީ ބަލަދުކޮށްފިނަމަ ވަގުތުން އޭނާގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް, 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރި އެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސް ކުރި ކުރުން ތަސްދީގު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު