ޚަބަރު
އެމްޑީޕީން މޯލްޑިވިއަންއަށް ފައިސާ ނުދައްކައިގެން ކޯޓަށް
މިދިއަ ރިޔާސީ އިންތިހާބުގެ ތެރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އައިލެންޑް އޭވިއޭޝަން ސާވިސްގެ މޯލްޑިވިއަނުން ނަގާފައިވާ ޓިކެޓްތަކާއި ޗާޓަރު ކުރި ފްލައިޓްތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާ ދައްކާ ހަލާސް ކުރަން އެ ޕާޓީއަށް އަންގައި މުހުލަތުތައް ދިނުމަށް ފަހު އެމްޑީޕީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފި އެވެ.

އައިއޭއެސްގެ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީން ފައިސާ ނުދެއްކުމުން އިއްޔެ ވަގުތެއްގައި އެ މައްސަލަ ސިވިލް ކޯޓަށް އހުށަހަޅާފައިވާނެ ކަމަށެވެ. މައްސަލަ ކޯޓަށް ހުށަހެޅީ ފައިސާ ދެއްކުމަށް އެތައް ފުރުސަތެއް ދިނުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފައިސާ ދައްކަން އެދުމުން އެ ޕާޓީން ވަނީ ބައެއް މައުލޫމާތު ސާފުކޮށްދިނުމަށް އެދިފައި. އަޅުގަނޑުމެން އެ މައުލޫމާތު ވެސް ސާފުކޮށްދީފައި އަދި ފައިސާ ދައްކާ އެތައް ފުރުސަތެއް ދިނުމަށްފަހު އިތުރު ގޮތެއް ނެތުމުން ކޯޓަށް މައްސަލަ ހުށަހެޅީ،" އޭނާ ވިދާޅުވި އެވެ. 

އެ ފައިސާ މިދިއަ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސް ނުކޮށްފިނަމަ މޯލްޑިވިއަންއަށް ނުލިބި ހުރި އެ ފައިސާ ހޯދުމުގެ ޝަރުއީ މަރުހަލާ ފަށާ ކޯޓަށް ދާނެ ކަމަށް ކުރިން ބުނެފައި ވެސް ވެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރުމަށް ޖުލައި މަހުން ފެށިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ އެކިއެކި ކެމްޕޭން ޓީމްތަކުން އައީ އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރަމުންނެވެ. ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ފާޓީކަމަށްވާ އެމްޑީޕީ އަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާވެސް އެންމެ ގިނައިން ލިބޭ ޕާޓީއެވެ.

އެމްޑީޕީން ނުދައްކާ ހުރި ފައިސާ

  • 1.ސެޕްޓެމްބަރު 23، 2023ގައި ދިން ހިދުމަތަށް: 108،207 ރުފިޔާ
  • 2.ސެޕްޓެމްބަރު 24، 2023ގައި ދިން ހިދުމަތަށް: 722،226 ރުފިޔާ
  • 3.ސެޕްޓެމްބަރު 25، 2023ގައި ދިން ހިދުމަތަށް: 467،728 ރުފިޔާ
  • 4.ސެޕްޓެމްބަރު 26، 2023ގައި ދިން ހިދުމަތަށް: 1،073،756 ރުފިޔާ
  • 5.ސެޕްޓެމްބަރު 27، 2023ގައި ދިން ހިދުމަތަށް: 1،029،298 ރުފިޔާ
  • 6.ސެޕްޓެމްބަރު 28، 2023ގައި ދިން ހިދުމަތަށް: 796،792 ރުފިޔާ
  • 7.ސެޕްޓެމްބަރު 29، 2023ގައި ދިން ހިދުމަތަށް: 858،254 ރުފިޔާ
  • 8.ސެޕްޓެމްބަރު 30، 2023ގައި ދިން ހިދުމަތަށް: 244،969 ރުފިޔާ
  • 9.އޮކްޓޫބަރު 1، 2023 ގައި ދިން ހިދުމަތަށް: 318،509 ރުފިޔާ
  • 10.އޮކްޓޫބަރު 2، 2023 ގައި ދިން ހިދުމަތަށް: 10،122 ރުފިޔާ
މި މައްސަލަ ކުރިމަތިވި އިރު މީގެ ކުރީން ޑީއާރްޕީން މޯލްޑިވިއަން ދައްކަން ޖެހޭ 510497ރ. ގެ މައްސަލާގައި ވެސް ކޯޓަށް ދިޔަ އެވެ.

އަދި އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރަން ވެސް އެންގި އެވެ. އެއީ ރައީސް މައުމޫން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާ އެވެ. އިލެކްޝަނުން އެ ޕާޓީ އުވާލަން ނިންމި އިރު ވެސް އެ ޕާޓީ އެ ދަރަނި ހަލާސް ނުކޮށް އެބައޮތެވެ.

މީގެ އިތުރުން 2018 އިގެ ރިޔާސީ ކެމްޕޭނުގައި ޕީޕީއެމުން އެ ޕާޓީގެ މެންބަރުން މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރު ކުރުމަށް ފަހު، ނުދައްކައި އޮތް 3.8 މިލިއަން ރުފިޔާ ހޯދަން ވެސް އެ ކުންފުނިން ކޯޓުގައި ދައުވާ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު