ޚަބަރު
ޕީއެންއެފަކީ ކަފުންކުރި ޕީޕީއެމް މެމްބަރުންގެ އާ ޕްލެޓްފޯމް: ޑރ. ޖަމީލް
ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް) އަކީ މިހާރުގެ ޕީއެންސީން "ކަފުންކޮށްފައިވާ" ޕީޕީއެމްގެ މެމްބަރުންނަށް އޮތް އާ ޕްލެޓްފޯމްކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެެރިވެވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ޕީޕީއެމް ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.

"މިކަމަށް އަޅުގަނޑު ދަންނަވާނީ މި އައީ ނިމުމެކޭ. މި ޕާޓީ އުފަންވުމާއެކީގައި މި ޕާޓީ ވެގެންދާނީ ތިޔަ ލޮބުވެތި، މި ވަޅު ޖައްސައި ކަފުންކުރި ޕީޕީއެމްގެ މެމްބަރުންގެ އާ ޕްލެޓްފޯމަކަށް ވެގެންދާނޭ މާތްﷲ ގެ ތަނަވަސް ރަހުމަތާއެކީގައި،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ޕީއެންއެފުން ކުރިއަށްދާނީ ރައީސް ޔާމީންގެ ފިކުރާއި ވިސްނުންފުޅުގެ ތެރެއިން ކަމަށެވެ. އަދި މި ޕާޓީ ވާނީ އެންމެ ބޮޑަށް ޑިމޮކްރަސީ ފެންނާނެ ޕާޓީކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޔާމީންގެ ނަމުގައި އެ ޕާޓީން 3،000 މީހުން ހަމަކޮށް މީގެ ދުވަސްކޮޅެއް ކުރިން އިލެކްޝަންސް ކޮމިޝަނަށް، ފޯމްތައް ހުށަހެޅި ނަމަވެސް އޭގެ ބައެއް ފޯމުތައް ސައްހަ ނުވާތީ ޕާޓީ އުފެއްދުމުގެ ހުއްދަ އޭރު އޮތީ އެ ކޮމިޝަނުން ނުދީފަ އެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮއި އެ ޕާޓީން ފަހުން ހަމަކޮށްފައިވާތީ އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް ދީފައިވާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވާއިރު އެމަނިކުފާނުގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ވެސް ކުރީގެ ސަރުކާރުންނެވެ. މި ސަރުކާރުން ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށާއި ރޯދަ މަސް ނިމި އީދާއި ކުރިމަތިލާއިރު ވެސް ޔާމީން އަދިވެސް ހުންނެވީ ބަންދުގައި ކަމަށެވެ.

ޔާމީންގެ ޝަރީއަތް އަވަހަށް ބާއްވައި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ޖުޑިޝަރީ އަށް ގޮވާލާ ކަމަށާއި ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާނަމަ އެ ނުފޫޒަށް ނޫނެކޭ ބުނުމަށް ވެސް މަލީހު ގޮވާލެއްވި އެވެ. އަދި ރާއްޖޭގައި ތިން ހަތަރު އިންތިހާބެއް ނިމި، ޔާމީންގެ ތާއީދާއެކު ގެނައި ވެރިކަމެއް އޮތްއިރު ވެސް އެމަނިކުފާނު އަދިވެސް ބަންދުގައި ހުންނަން ޖެހުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މަލީހު ވަނީ ޔާމީންގެ މިނިވަން ނުކުރާނަމަ މަގުމަތީގެ ހަރަކާތްތައް ވެސް ޕީއެންއެފްގެ ފަރާތުން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

"މަގުމަތީގެ ހަރަކާތްތައް ވެސް ފަށާނަން. މުޒާހަރާ ވެސް ކުރާނަން. ރައީސް އޮފީސް ދޮށަށް ދާން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނަން،" މަލީހު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު