ރިޕޯޓް
އެމްބެސެޑަރު ވިދާޅުވާ ގޮތަކަށް މި ގައުމުގެ ކަންތައް ހިނގުން ރައްޔިތުން މާޒީކޮށްފި
ޕީއެންސީގެ މަޖިލިސް އިންތިހާބު ކެމްޕޭނު ހަރަކާތެއްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ
"ބޭރު ބަޔަކު ބުނާހާ ގޮތަކަށް، ކައިރީ ހުންނަ އެމްބަސީގެ އެމްބެސެޑަރު ވިދާޅުވާ ގޮތަކަށް ނޫން މި ގައުމުގެ ކަންތައް ހިނގަން ޖެހޭނީ. އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން،" 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގއ. ދާންދޫ ދާއިރާއަށް ސަރުކާރު ކޯލިޝަނުން ވާދަކުރައްވާ މުހައްމަދު ފަޒީލްގެ ކެމްޕޭނު ޖަގަހަ ހުޅުމާލޭގައި ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގައުމު ރަނގަޅު މިސްރާބުން ދަނިކޮށް މިސްރާބުން ކައްސުވާލަން އިދިކޮޅުން ކުރާ މަސައްކަތަށް އިޖާބަ ނުދިނުމަށް ރައީސް ގޮވާލެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވި ރާއްޖޭގައި އެންމެ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ އެއް ކުންފުނި އެމްޓީސީސީއަށް ތެޔޮ ލިބޭނެ ގޮތެއް ނެތިގެން ތެޔޮ ނޭޅި އޮތް އޮތުން ވެސް ހައްލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހުއްޓިފައި ހުރި މަޝްރޫއުތައް ފެށިގެން ކުރިއަށް އެބަ ދާކަމަށް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކޮށް، މުވައްޒަފުންގެ މުސާރަތައް ދީ، ދަރަނި އަދާކުރަމުން އަންނަ އިރު ކުންފުނިތަކުން ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ވެސް އަލުން ފަށަމުން އަންނަ ކަމަށެވެ.

"އެ މަޝްރޫއުތައް ހުއްޓިފައި ހުރީ އޭރުގައި އެ މަޝްރޫއުތައް ފަށުވާފައި ލާރި ނުދީ ހުރީމާ. އަޅުގަނޑުމެން މި އަންނަނީ ހަމަ ފައިސާ ޗާޕުުނުކޮށް، މި ލިބޭ އާމްދަނީގެ ތެރެއިން ތަރުތީބުކޮށްގެން ކުންފުނިތަކަށް ލާރި ދީގެން، ޕެންޑިން ބިލުތަކަށް ލާރި ދީގެން، އެމީހުން މޮބިލައިޒްކުރުވައިގެން މަޝްރޫއުތައް ފައްޓުވަމުން މި ގެންދަނީ ރަށްރަށުގައި،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖޭ ބައެއް ކުރީގެ ވެރިން ވެރިކަންކުރި ސަރުކާރުތަކުން އެހެން ގައުމުތަކަށް ބަރޯސާވެފައިވާ މިންވަރުގެ ތަފްސީލު މިފަހުން ދައުލަތުގެ މީޑިއާއާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން މިފަހުން ޕީއެސްއެމްއިން ދެއްކި ރައީސްގެ އެކްސްކްލޫސިވް އިންޓައިއުއެއްގައި ރައީސް ވިދާޅުވީ، މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީއަށް މިދިޔަ ދައުރުގައި ވެރިކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު ކަމަށެވެ. ނަމަވެސް އެ ޕާޓީއަށް ރާއްޖޭގެ މިނިވަންކަން ހިމާޔަތް ނުކުރެވުނު ކަމަށާއި ގައުމުގެ މިނިވަންކަން އޮތީ އެހެން ބަޔެއްގެ އަތް މައްޗަށް ދޫކޮށްލާފައި ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

ވަކި ގައުމެއްގެ ނަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސޯލިހުގެ މައްޗަށް އަމުރުކުރާ އެހެން ގައުމެއްގެ ސަފީރަކު ހުރި ކަމަށާއި އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނު ކަމަށެވެ.

"ހުރިހާ މާނައެއްގައި ވެސް މިނިވަންކަން އޮތީ އަޅުގަނޑުމެންގެ އަތުން ދޫވެފައި، އިގުތިސާދީ ގޮތުން ވެސް. އެހެންވީމަ މިގޮތަށް ކަންތައްތައް ކުރިއަށްގެންގޮސްފައިި ދެން އަޅުގަނޑުމެން އެކަން ރަނގަޅު ކުރުމަށް، ދިވެހީންގެ ރާއްޖެ، ދިވެހިން އެދޭ ގޮތުގައި މިސްރާބު ޖަހައި އެގޮތަށް އަޅުގަނޑުމެން މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަންކަމުގައި އެ ބޭފުޅުން ބަލައެއް ނުގަންނާނެ އެކަންކަމެއް،" ރައީސް ވިދާޅުވި އެވެ.

ޑްރޯންތަކުގެ އަގާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ، ކަންކަން ސިއްރުނުކޮށް ހާމަކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ތާއިދުކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް އަސްކަރީ އެފަދަ މަސައްކަތްތަކުގެ ތަފުސީލު އެއްވެސް ގައުމަކުން އިއުލާން ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގައުމީ ސަލާމަތަށް މިހާ މުހިންމު ކަމެއްގައި އަޅުގަނޑަށް ވަރަށް ބޮޑަށް ރިލައިވެވޭނެ އަލުގަނޑުމެންގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޖެނެރަލުން ވިދާޅުވާ ވާހަކަފުޅުތަކަށް، އެހެންވީމަ އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އަޅުގަނޑުމެން ކަންކަމުގައި އެ ބޭފުޅުންގެ އަޑު އަހާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމުގެ މިނިވަންކަމަށް އަގެއް ނުކިޔޭނެ ކަމަށާއި އެއީ އެއަށްވުރެ މާ މުހިންމު އެއްޗެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީ ސަރުކާރު އިންޑިއާއަށް މާ ބޮޑަށް ބަރޯސާވެފައި އޮތް ކަމަށް މި ސަރުކާރުން ތުހުމަތު ކުރާއިރު، މި ސަރުކާރުން ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ނަރެންދުރާ މޯދީ ސަރުކާރާއި ގުޅުން ގޯސްކޮށް، ޗައިނާއާ ގާތް ވަމުން އަންނަ ކަމަށް އެމްޑީޕީން ކުރާ ތުހުމަތު ވެސް ދިރި އެބައޮތެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންޑިއާ އަށް ބަރޯސާ ވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ވަނީ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. ރާއްޖެ އަށް ކާޑުގެ ބާވަތްތައް އާންމުކޮށް ގެންނަނީ އިންޑިއާ އިން ކަމަށް ވާއިރު، މިހާރު ވަނީ ތުރުކީން އެ ބާވަތްތައް ގެންނަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ފިޔާ އާއި އަލުވި އަދި ބިސް ވެސް އެހެން ގައުމުތަކުން ގެންނަން ނިންމާފައިވާ ކަމަށް ރައީސް މިފަހުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުން ނަމަ މިހާރު އިންޑިއާގެ ހޮސްޕިޓަލްތަކަށް ބަރޯސާ ވެފައި އޮންނަ ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމު އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރެވޭ ގޮތް ވެސް ސަރުކާރުން ހަމަޖައްސާނެ އެވެ.

އަދި އެއް ވާހަކަ އެވެ.

"އަޅުގަނޑުމެންގެ ރާއްޖެ ކުޑަވެދާނެ. އެކަމަކު، އެއީ އަޅުގަނޑުމެންނަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން،" ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރެއިން އިނގިރޭސި ބަހުން ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ބޭއްވި މީޑިއާ ބްރީފިންގައި 13 ޖެނުއަރީ 2024 ގައި ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގެ ނަން ވިދާޅުނުވި ނަމަވެސް އެ ގައުމުން ރާއްޖެއާ މެދު ދެކޭ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ސައިޒު ކުޑަޔަކަސް މިއީ 900،000 އަކަ ކިލޯ މީޓަރު ބޮޑު ގައުމެއް ކަމަށާއި އިންޑިއާ ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތީ ރާއްޖެ އަށް ކަމަށެވެ.

"ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ނިސްބަތްވާ، ވަށާލެވިފައިވާ ހުރިހާ ގައުމަކަށް ވެސް ނިސްބަތްވާ ކަނޑެއް. އަދި އެއްވެސް ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދު މާ ބޮޑު،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށެވެ.

"އަޅުގަނޑުމެންނަކީ މިނިވަން، މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލްގެ އަސާސަކީ ޗައިނާ އިން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިހުތިރާމް އަދާކުރާ އަސާސެއް. އަނެއް އަސާސަކީ ނޮން އިންޓަފިއަރެންސް އިން އިންޓާނަލް މެޓާސް. އަޅުގަނޑުމެންގެ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ،" އިންޑިއާ އަށް ނުސީދާ ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

"ކުރީގައި، ދާދި ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި ގޮސް އިށީނދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުންނެއް ބޭނުމެއް ނުވޭ." ކުރީ ސަރުކާރުތަކުގެ ފޮރިން ޕޮލިސީއަށް ފާނޑު ވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ ދެ ގައުމުގެ ދޭތެރޭގައި "ގުޅުން" ބޭއްވުމުން ގެންގުޅެން ޖެހޭ ހަމައެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު