ޚަބަރު
ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން: ހަމީދު
ކުރީގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު
ކުޑަކުދިން ކުށަށް ޒިންމާ ނަގަންޖެހޭ އުމުރު ދަށްކުރުމަކީ ހައްލު ކަމަށް ގަބޫލުނުކުރެވޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރި ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު ފެންމަތިވެ، އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ.

މި މައްސަލައިގެ އަޑު ގަދަވެފައި ވަނިކޮށް، މި ސަރުކާރުގެ ވިސްނުމަކީ، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭވަނީ ވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމީދު ވިދާޅުވީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށް ކުރުމަކީ މައްސަލަތަކުގެ ހައްލު ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އޭގެ ބަދަލުގައި ބަލަންވީ ކުދިން ކުށުގެ ވެއްޓަށް ދިއުމުން ސަލާމަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށެވެ. 

އޭނާ ވިދާޅުވީ ކުށަށް ޒިންމާވާން ޖެހޭ އުމުރު ދަށް ކުރުމުގެ ބަދަލުގައި ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަންވީ ހަގު އުމުރެއްގެ ކުދިން ކުށުގެ ވެއްޓަށް ދިއުމުން ސަލާމަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށެވެ.

"މިފަދަ ނިޒާމެއްގެ އެބްސެންސް ރާއްޖޭގައި މި ފެންނަނީ. އެކަންކަން އެކްސްޕްލޮއިޓް ކުރެވި، ކުށްކުރުމުގެ މާހައުލު ތެރެއަށް އެކުދިން ތައާރަފް ކުރެވި، އޭގެ އެޑްވާންޓޭޖް އެކި ފަރާތްތަކުން ނަގާ އެކަންކަން އެގޮތަށް ކުރުމަށް ޖާގަ ލިބިގެން ދަނީ. އަސްލު އަންޑަލައިން މެއިން އިޝޫއަކީ ދައުލަތުގެ ތެރޭގައި އެކަންކަން ފުރިހަމަ ނުވެ އޮންނާތީ،" ހަމީދު ވިދާޅުވިއެވެ.

މިފަދަ ނިޒާމެއް ގާއިމްވެފައި އޮންނަ ނަމަ، މިއަދު މި ފެންނަ މިންވަރަށް ކުޑަކުދިންގެ މައްސަލަތައް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު