ޚަބަރު
ބަނދަރުގައި ކަދުރުރުކެއް ޖަހައި އެއަށް ލައިޓެއް އެޅުވުމަކުން ނުފުދޭ: މިނިސްޓަރު ސައީދު
ހޯރަފުށި ބަނދަރުމަތީ ހުރި ކަނދުރު ރުއްތައް
ހޯރަފުށީ ދާއިރާގެ ރަށެއްގެ ބަދަރުގައި ކަދުރުރުކެއް ޖަހައި އެއަށް ލައިޓެއް އެޅުވުމަކުން އަދި ރައްޔިތުންނަށް ނުފުދޭ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ހޯރަފުށި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ މޫސާގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ ރަށްރަށް ދިއުމުން ފެންނަނީ ރައީސް މުއިއްޒުގެ ވައުދު ފޮތް ކަމަށާއި އެއިން ބުނެދެނީ އެންވެސް ކަމެއް ސިއްރުކޮށް ވަންހަނާކުރަން ބޭނުން ނުވާކަން ކަމަށާއި ރައްޔިތުންނަށް ވީ ކޮންމެ ވައުދެއް ރައީސް ޑރ. މުއިއްޒު ފުއްދަވާނެ ކަން ކަމަށެވެ،

"އެއީ ކިތަންމެ ބޮޑު މަޝްރޫއުއެއް ކަމަށް ވިޔަސް، ބޭންކެއް ކަމަށް ވިޔަސް އަދި ޕީއެއްއައިޕީ މަޝްރޫއުއެއް ކަމަށް ވިޔަސް، އަދި ރާއްޖެ ތިޔާގި ކުރުން ކަމުގައި ވިޔަސް.." ވަޒީރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ތުރާކުނު އުލިގަމު އަދި ހޯރަފުށި ރައްޔިތުންނަކީ އަބަދުވެސް ކުރިއަރަން ބޭނުންވާ ބައެއް ކަމަށާއި ސަރުކާރަށް ތިން ރަށުން މިވަގުތު ކޮށްދެއްވަންވީ ކަމަކީ އަލީ މޫސާއަށް ގޮޑި ދިނުން ކަމަށެވެ. ސަބަކީ ނިމުނު ރިޔާސީ އިންތިހާބު ބޮޑުތަނުން ރައީސް މުއިއްޒު ކާމިޔާބުކުރެއްވިއިރު ހޯރަފުށީ ދާއިރާގެ ރައްޔިތުން ދެއްކީ ނަމޫނާ ކަމަށެވެ. އަދި މުޅި ތިލަދުންމަތިން ރައީސް މުއިއްޒަށް ހުރިހާ ގޮޑިތަކެއް ދިނުމަށް އެދޭ ކަމަށެވެ.

ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ސައީދު ދެން ބަހުގެ ހަމަލާއެއް ދެއްވީ ހޯރަފުށި ދާއިރާއަށް އިދިކޮޅުން ދެއްކި ކެންޑިޓޭޑް އަށެވެ. ސައީދު ވިދާޅުވީ އިދިކޮޅު ކެންޑިޓޭޑަށް ދާއިރާއަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށާއި ވިއްޔާ ވާނީ ސަރުކާރަށް ޖެއްސުން ކުރުން ކަމަށެވެ.

"ކަނދުރު ރުކެއް ރަށު ބަނދަރުގައި އިންދާފަ އެއަށް ލައިޓެއް އެޅުވުމަކުން އަދި ނުފުދޭ.. ސަލީމް މި ވިދާޅުވަނީ ތިމަންނަ މިހުރީ މިތާގައި ދެތިން ކަދުރު ރުއްޖަހާފައި އޭ.. އެއީ މާލެއާއި އެއްގޮތް ކުރަން ވެގެންނޭ، އެވަރަކުން ނުފުދޭ، ބޭނުމީ ވަޒީފާ، ބޭނުމީ ތިޔާގިކަން،." ހޯރަފުށި ބަނދަރުމަތީ މިހާރު އިންދާފައި ހުރި ކަނދުރު ރުއްތަކަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވި އެވެ. 

ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުން މިއަދު ރާއްޖޭގެ ސަރަހައްދުގައި ބަންކަރައިންގެ ހިދުމަތް ތައާރަފް ކުރެވެމުން އަންނަކަމަށެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭ ޗާޓުގައި ހޯރަފުށި ހިމެނޭ ސަރަޙައްދު ހިމެނިފައި އޮތްކަން ސަޢީދު ފާހަގަކުރެއްވި އެވެ. ސަޢީދު މިހެން ވިދާޅުވެފައިމިވަނީ، ދުނިޔޭގެ މަގުބޫލު ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ ހިމަނާފައިވާތީ އެވެ. ސަޢީދު ވަނީ މިއީ މީގެކުރިން ރާއްޖޭގެ ތާރީޚުގައިވެސް ވެފައި ނެތްކަމެއްކަންވެސް ފާހަގަކުރައްވާފަ އެވެ.

"ފައިސާ ހޯދާނެ ގޮތާއި، ދަރަނި ކުޑަކުރާނެ ގޮތާއި، އަރަނި އިތުރު ކުރާނެ ގޮތާއި، މިރާއްޖެ ހުއްޓުމެއްނެތި ތަރައްގީގެ ރޭހުގައި ކުރިއަތް ދާން ގޮތް އެއޮތީ ރައީސްގެ މެނިފެސްޓޯގައި އެކުލަވާލާފައި" އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ހޯރަފުށީގެ ވިޔަފާރިވެރިންނާ ހަވާލާދީ އެ ޖަލްސާގައި ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެ މީހުންނަށް ޖެއްސުން ކުރުމާއި ފުރުސަތު ނެތުމުގެ ޝަކުވާތައް ލިބުނު ކަމަށެވެ. އެކަމަކު، މިހާރު ގާތުން ސަރުކާރުން މަސައްކަތް ކުރާ އިހުސާސް ކުރެވޭ ކަމަށް ވިޔަފާރިވެރިން ވެސް ބުނާ ކަމަށް ސައީދު ވިދާޅުވެ އެވެ.

ސައީދު ވިދާޅުވީ ރައީސްއާއި ސަރުކާރު ދިފާއުކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ. އަދި ދިވެހިރާއްޖެއަށް ގެންނަން ޖެހޭ ތަރައްޤީ ގެނައުމުގައި ފުރިހަމަ އެއްބާރުލުން ރައީސްއަށް ދެއްވާނެކަމަށްވެސް އިޤްތިޞާދީ ތަރައްގީއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި އެވެ.  

"ޑރ. މުއިއްޒުގެ ސަރުކާރު ދިފާއުކުރުމަށް އަޅުގަނޑުމެންގެ ޕާޓީ އާއި ރައްޔިތުން އިންޗިއެއް ވެސް ދޫނުކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ. އަޅުގަނޑު މި ރާއްޖެ މުއްސަނދި ރާއްޖެއަކަށް ބަދަލުކުރާނަން،" ސައީދު ވިދާޅުވި އެވެ. 

އަލީ މޫސާއަށް ވޯޓުދިނުމަށް އެދި ވަޑައިގެން މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގައުމުގެ ތަރައްގީއަށް ގިނަ ކަންކަން ފަށްޓަވާފައިވާއިރު، އެމަނިކުފާނު ބޭނުންފުޅުވަނީ ކޮންމެ ދުވަހަކީ ވެސް ރައްޔިތުންނަށް ކަންކަންކޮށްދެވޭ އަދި ނަތީޖާ ނެރެދެވޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. އެކަމުގައި އެއްބާރުލުން ދޭނެ މެންބަރުންތަކެއް މަޖިލީހުގައި ތިބުން މުހިންމު ކަމަށާއި، ސަރުކާރާ ދެކޮޅު މެންބަރުން ތިބިނަމަބޭނުންވާ ކަންކަން ހާސިލް ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ހިންގުމަށް ސަރުކާރުން ނިންމަވާފައިވާ އަދި ރައީސްގެ ތަސައްވުރުގައި ހިމެނޭ، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓަަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، އެއީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ހަރުފަތްތަކަށް ގެންދާނެ މަޝްރޫއެއްކަމަށެވެ. ރައީސް ވިދާޅުވީ އެކަން ހާސިލްކުރެވޭނީވެސް އެ މަސައްކަތަށް އެއްބާރުލުން ދެއްވާނެ މެންބަރުން މަޖިލީހަށް ހޮވައިގެން ކަމަށެވެ. އަދި ސަރުކާރަށް އެއްބާރުލުން ނުދޭނެ ބަޔަކު މަޖިލީހަށް ހޮވައިގެން ފިއްތުންތަކާ ކުރިމަތިވާނެ ކަން ފާހަގަކުރައްވާ ރައީސް ވަނީ މިއަހަރު ސަރުކާރުން ކުރިއަށް ގެންދިއުމަށް ބޭނުންވި ބައެއް ކަންކަމަށް މަޖިލީހުން ބަޖެޓު ފާސްކުރިއިރު ހުރަސް އަޅާފައިވާކަން މިސާލުން ދައްކުވާފަ އެވެ.

"ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ނުލިބެންޏާ ހަމަ ކިތަންމެ ހުރަހެއް ކުރިމަތިކުރެވޭނެ. ބަޖެޓް ފާސްކޮށް ނުދިނުމުން އަޅުގަނޑުމެން ކޮންތާކަށްތޯ ދާނީ. އެ ބޭފުޅުން ބޭނުންގޮތަކަށް މަސްސުނިކޮށްފައި ފާސްކުރީމަ އަޅުގަނޑުމެން ތިބޭނީ ތާށިވެފައި ނޫންތޯ. އަޅުގަނޑު ބޭނުން ނޫން އެކަން ވާކަށް އެހެންނެއް،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު