ދީން
ފަލަސްތީނު، ފަލަސްތީނު، ފަލަސްތީނު..!
އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ ފަލަސްތީނު މިސްކިތެއްގެ ތެރޭ ގާޒާ ބަޔަކު އީދު ނަމާދު ކުރަނީ
ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހަދިޔާ ބަދަލުކޮށް، ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުން މަތިން ހަނދާން ނައްތާނުލުމަށް އީދު ހުތުބާގައި އެދެފި އެވެ.

މިއަދުގެ އީދު ހުތުބާ ގައި މުސްލިމުންގެ މި މަތިވެރި ފިތުރު އީދު ދުވަހު ގައި، ރަމަޟާން މަހުން ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލެއްވި އެވެ. މަސްދުވަހުގެ ތަމްރީނަކަށް ފަހު، ރޯދައިގެ ތަރުބަވީ މަދަރުސާއިން ނިކުތްއިރު، އީމާންކަން ވަނީ އިތުރުވެ ހެޔޮ ކަންކަން ކުރުމަށް ނަފްސު އާދަވެ ފަސޭހަވެފައި ކަން ފާހަގަކޮށް މި އީމާންކަން، މި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ. 

ހުތުބާގައި ބުނީ އިޒްރޭލުގެ ހަނގުރާމަތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުން ރަމަޟާން މަހުގައި ވެސް އުޅެމުންދިޔައީ ނުހަނު ނިކަމެތި ހާލުގައި ކަމަށާއި ރޯދަ ވީއްލުމަށާއި ހާރު ކެއުމަށް ކާނެ އެއްޗެއް، ބޯނެ އެއްޗެއް ލިބިގެން ނުވާ ހާލުގައި ކަމަށެވެ.

"ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި، އެކަކު އަނެކަކާ ހިނިތުންވުމާއެކު ބައްދަލުކޮށް، ސަލާންގަލާންކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް، ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށްގެންދާ އިރު، ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންގެ މަތިން ހަނދާން ނައްތާނުލާށެވެ!. އެ ލޮބުވެތި އަހުންނާއި އުހުތުން އެދަނީ، މާތްވެގެންވާ އަލްމަސްޖިދުލް އަގުސާއާއި، އެ ބަރަކާތްތެރި ފަސްގަނޑުގެ ދިފާއުގައި ޖިހާދު ކުރަމުންނެވެ..،" ހުތުބާގައި ބުންޏެވެ.

"އެ މީހުން ރޭއަޅުކަން ކުރަމުން ގެންދިޔައީ ސިހިޔޫނީންގެ އަނިޔާވެރި ހަމަލާތަކުން ސުންނާފަތި ކޮށްލާފައިވާ ބިނާރުތަކާއި، ހިރަފުސްތަކުގެ ތެރޭގައި. މި ހާލަތުގައި ވެސް އެ އަހުންނާއި އުހުތުންގެ ކިބައިން ފެނިގެން ދިޔައީ ﷲގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާ ފަދަ ވަރުގަދަ އީމާންކަން،" ހުތުބާގައި ބުންޏެވެ.

ރަމަޟާން މަހުން އަހަރެމެންނަށް ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް ގޮވާލާ ހުތުބާގައި ނަސޭހަތްތެރިވީ ފިތުރު އީދު ދުވަހު އެކަމަށް އަޒުމް ކަނޑައެޅުމަށެވެ.

ރަމަޟާން މަސް ފެށުމުގެ ކުރިން ޔަހޫދީ ފައުޖުން ވަނީ އަގުޞާ މިސްކިތުގެ މައި ތިން ދޮރާއްޓެއްގައި ބެރިކޭޑު ޖަަހައި ބަންދުކޮށްފަ އެވެ. އަދި, މިސްކިތަށް ވަނުމުގެ ފުރުޞަތު ދެނީ މަދު އަދަދެއްގެ ބަޔަކަށެވެ. ފިތުރު އީދު ނަމާދާ ދިމާކޮށް ވެސް ޔަހޫދީ ފައުޖުގެ ސިފައިން ވަނީ މުސްލިމުންނަށް ހުރަސް އަޅާފަ އެވެ. އަދި, މިސްކިތަށް ޖަމާވި ގިނަ އަދަދެއްގެ ބަޔަކު ހުއްޓުވާފަ އެވެ.

އަގުޞާގައި މިއަދު ބޭއްވި ފިތުރު އީދު ނަމާދުގެ ހުތުބާގައި, އަލް-އަގުޞާއަށް ހިޔާނަތްތެރިވި މީހުންނާއި, ފަލަސްތީނުުގެ މުސްލިމުން އަތުވެތިކޮށްގެން އުޅޭ ޔަހޫދީންގެ ކިބައިން ސަލާމަތް ކުރެއްވުމަށް އެދި ދުއާ ދެންނެވި އެވެ. އަދި, މުސްލިމުންގެ މައްޗަށް އިސްތިއުމާރީ ބާރު ހިންގަމުންދާ ޔަހޫދީންގެ ޖައްބާރު ކަމުން ސަލާމަތް ކުރައްވައި, މުސްލިމުންނަށް ނަސުރު ދެއްވުމަށް އެދި ދުއާ ދެންނެވި އެވެ. އަދި, އަގުޞާ ހިމާޔަތް ކުރުމުގައި ދެމިތިބުމުގެ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ދެންނެވި އެވެ.

ފިތުރު އާދަކީ މުސްލިމުން ފާހަގަކުރާ ދެ އީދުގެ ތެރެއިން އުފާވެރި އެއް ދުވަހެވެ. ނަމަވެސް, އަގުޞާއާއި ގާޒާގައި މިއަދު އީދު ނަމާދު ކޮށްފައި ވަނީ, ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނާއި ގަތުލުއާންމުތަކުގެ ހިޔަނީގަ އެވެ. އީދު ދުވަހުގެ ޖަމާއަތުގައި ބައިވެރިވި މީސްތަކުންގެ މޫނުމަތިން ފެންނަމުން ދިޔައީ މޮޅިވެރިކަމާއި ހިތާމައެވެ. ހިތްދަތިކަމާއި މާޔޫސް ކަމެވެ.

ގާޒާގެ މުސްލިމުން މިއަދު އީދު ފާހަގަ ކުރަމުން ދަނީ ބިރުވެރިކަމާއި ނާމާން ކަމުގަ އެވެ. ބަނޑުފުރާނަ މުއްތި ކުރެވޭނެ މަގެއް ނެތި, ހައިހޫނު ކަމުގަ އެވެ. އެ މީހުންނަށް ކުރިމަތިލާން ޖެހިފައި ވަނީ ޔަހޫދީންގެ ނުރައްކާތެރި ހަތިޔާރުތަކާއި ހަމަލާތަކާ އެވެ. ޔަހޫދީންގެ ފުރަބަންދާ އެކު, ގާޒާއިން ކާބޯތަކެއްޗާއި ސާފު ބޯފެން ވަނީ ހުސްވެފައެވެ. ގާޒާގައި ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ މީހުންގެ އަދަދު 594,000އަށް އުފުލިފައިވާ ކަމުގައި އދއިން އިންޒާރު ކުރެ އެވެ.

ނިމުނު އަހަރު އޮކްޓޫބަރު 7ން ފެށިގެން ގާޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 33,860އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 26,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެ އެވެ. އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 76,393އަށް އުފުލިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު