ރިޕޯޓް
މަޖިލީހަށް ހޮވަންވީ އަލީ، ކާމިޔާބީއަކީ ސަރުކާރު..!
މަޖިލީހަށް އަލީ ވާދަކުރައްވަނީ ހޯރަފުށި ދާއިރާގެ ރައްޔިތުންގެ ހާލަތު ބަދަލުކޮށްދޭން، ސަރުކާރާއި ގާތުން މަސައްކަތް ކުރެއްވުމަށެވެ. ދާއިރާގެ ތިން ރަށުގެ ކުދިބޮޑު އެންމެންނާ ގުޅޭ އަލީ މޫސާ ދާއިރާގެ ގިނަ ޒުވާނުންނާ ގުޅުން ރަނގަޅެވެ. ތިން ރަށުން ޒުވާނުން ބިނާކުރުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ. ސިޔާސީ ގޮތުން އެއްވެސް ބާރެއް ނެތަސް އޭނާގެ އެ އުޅުއްވުމަށް ބަދަލެއް ނާދެ އެވެ. އުޅުއްވަނީ އާންމުންނާ އެކު އެވެ. ޒުވާނުން އަދި ދޮށީ އުމުރުގެ މީހުންގެ ހާލު ބެއްލެވުމުގައި އެވެ. ދިއްކޮށްލެއްވި އެހީ އެއް ވެފައި އޮތީ ވެސް ކަނާތުން ވާތަށް ވެސް ނޭނގި އެވެ.

ރައްޔިތުންގެ އިތުބާރު ދާއިރާގެ މެމްބަރަށް ގެއްލި ކިލަނބުވެފައިވާ ރައްޔިތުންގެ މަޖިލީހާ މެދު "އުންމީދީ ބަދަލަކަށް" އަލީ އެދެނީ ތިން ރަށުގެ ރައްޔިތުން ވެސް އާ ބަދަލުގެ ދުވެލި އަވަސްކުރުމަށް މަސައްކަތް ކުރުމަށެވެ. 

އަލީ ބުނެދޭން ބޭނުންވަނީ، މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑީގައި ނެތި ވެސް ރައްޔިތުން އޭނާއަށް ނިމުނު ރިޔާސީ އިންތިހާބުގައި ވެސް ދިން އިތުބާރު އެގޮތުގައި ދަމަހައްޓަވައި، ތެދުވެރިކަމާ އެކު މަސައްކަތް ކުރުން މަތީ ދެމިހުންނަވާނެ ކަމެވެ. ދާއިރާގެ ތިން ރަށުގެ ރައްޔިތުންނާ އެކު އޮންނަ ގާތް ގުޅުމާ އެކު، ކަމެއް ކޮށްދެވޭތޯ އެވެ. 

"ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވީ ފަހުން ކަންކަން ވަމުންދާ ގޮތުން ދާއިރާގެ ތަރައްގީއަށް މަޖިލީހުގެ މެންބަރުންގެ ދައުރު މި ފަސް އަހަރު އިންތިހާއަށް މުހިންމުވާކަން ވަރަށް ރަނގަޅަށް އެނގިއްޖެ. މި ސަރުކާރުން ހޯރަފުށި ދާއިރާއަށް އަދި ހާއްސަކޮށް މުޅި އިހަވަންދިއްޕޮޅުގެ ތަރައްގީއަށް ސަމާލުވެ ހިތްވަރާއި އެކު ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމު ކަން ވަރަށް ރަނގަޅަށް ސާފު ވެއްޖެ،" އަލީ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ އުތުރުން އޮތް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ދާއިރާގައި ހިމެނެނީ ހޯރަފުއްޓާއި، ރާއްޖޭގެ އެންމެ އުތުރުން އެއް ވަނަ އަށް އޮންނަ ތުރާކުނާ އަދި ރާއްޖޭން ބޭރުން އަންނަ ޔޮޓް ފަހަރު ބަނދަރުކުރާ ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ އުލިގަމެވެ. މި ތިން ރަށް ތަމްސީލް ކުރަން އަލީ މޫސާ ވާދަ ކުރައްވަނީ ސަރުކާރު ހިންގާ ޕީއެންސީންގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާގެ ޖަވާބު ވަރަށް ސާދާވެފައި ކުރެވެ.

"ދާއިރާގެ ރައްޔިތުން ބޭނުންވާ "ތަރައްގީގެ އަޑު" އެންމެ ގަދައަށް އިއްވޭނީ ސަރުކާރު ފަޅީގައި ހުރެގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." ފެހި ގާނޫނޫ އަސާސީން ލިބުނު ވޯޓު ލުމުގެ މިނިވަން ކަމާއިއެކު ހޯރަފުށި ދާއިރާގެ ރައްޔިތުން ނިމުނު ތިން މަޖިލިސް އިންތިހާބުގައި ވޯޓު ދެއްވި ގޮތުގެ މާޒީއަށް ބައްލަވާ އަލީ ވިދާޅުވި އެވެ.

ނިމުނު ސަރުކާރުތަކުގެ ފަސް އަހަރުގެ ދައުރުތަކަކީ "މައި ސަރުކާރު"ގެ ލެންސަށް ހޯރަފުށި ދާއިރާ އެރި ދުވަސްތައް ކަން އަލި ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ގެއްލިފައިވާ ހޯރަފުށި ދާއިރާއަށް އަލުން އާރޯކަން ގެނައުމަށް ކުރީގެ އެމްޕީ އަހުމަދު ރަޝީދު ފެއްޓެވި މަސައްކަތުގެ ބިންގަލަކީ އެމަނިކުފާނަކީ "ސަރުކާރުން ދެއްކި މީހާ" އަށް ވުންކަމަށެވެ. އެ ބިންގަލުގެ މަތިން ހޯރަފުށި ދާއިރާގެ ރައްޔިތުން މުހައްމަދު އިސްމާލް އިހްތިޔާރު ކުރެއްވީ ވެސް އެއިރުގެ ރާއްޖޭގެ ރައީސް ޔާމީން މުހައްމަދު އަތުގައި ހިއްޕެވުމުން ކަމަށެވެ. ނަތީޖާއަކީ ހޯރަފުށި ދާއިރާއަށް ފުލުހުންގެ ބޮޑެތި މަރުކަޒު ލިބި ނަރުދަމާ އެޅި ބޭންކްގެ ހިދުމަތާއިއެކު މުޅި ދާއިރާއަށް ލުއިފަސޭހަކަން ލިބުމެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށި ދާއިރާ މިހާރު ތަމްސީލު ކުރައްވަނީ ވެސް ނިމުނު ރައީސް ސޯލިހުގެ ސަރުކާރުން ދެއްކި ކެންޑިޑޭޓް ކަމަށެވެ. 

"ވޭދުވެދިޔަ ފަނަރަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އުމްރާނީ ތަރައްގީއާއި ވަޒީފާގެ ފުރުސަތުތަކާއި އެނޫން ވެސް ދާއިރާ ތަރައްގީގެ ހަރުފަތުގައި އަވަހަށް ކުރި އަރާ މި ދިޔައީ "ސަރުކާރު ލިފްޓުން" ރައްޔިތުން ސަރުކާރު ކެންޑިޑޭޓް އަރިހުގައި ސާބިތުވުމުން، ނިމުނު ފަސް އަހަރުވެސް ފެނުނީ އެ ހަގީގަތް، މިހިނގާ ރައީސް މުއިއްޒުގެ ފަސް އަހަރުގައި މި ދާއިރާގެ ތަރައްގީގެ އިންސައްތަ ކުރިއަށްވުރެ މަތި ކުރާނަން،" ރައީސް މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ 100 އިންސައްތަ އިތުބާރު ހޯއްދަވައިގެން ހުންނެވި އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެންމެ މުހިންމު ސިޔާސަތަކަށް ވާނީ ހޯރަފުށި ދާއިރާ އަމާން ތަނަކަށް ހެދުން ކަމަށާއި އަމާން މުޖުތަމައުއެއް ބިނާ ވެއްޖެނަމަ އިންވެސްމެންޓްތަކުގެ ފުރުސަތު ފަހިވެ ވިޔަފާރިވެރިންގެ އިތުބާރު ދާއިރާގެ ތިންރަށަށް ލިބިގެންދާނެ ކަމަށެވެ.

މި ސަރުކާރުން ކުދި ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި އަލީ ވިދާޅުވީ މިހާތަނަށް މި ދާއިރާގެ ޒުވާނުންގެ ވަޒީފާ ކަށަވަރުކުރުމަށް ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނުކޮށް ހުރި ކަމަށެވެ. އެހެން ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެ މުޅިން އެހެން ހިސާބަކަށް މިހާރުވެސް ގެންގޮސްފައިވާ ކަމަށާއި މި ދާއިރާ އަކީ ފުދުންތެރި ތަނަވަސް ރައްޔިތެއް ދިރިއުޅޭ ތަނަކަށް ބަދަލުކުރައްވާނެ ކަމަށެވެ. 

އަލީ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމުގައި ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އަމާޒު ހިފި ރަށްތަކުގެ ތެރޭގައި ހޯރަފުށި ހިމެނޭ ކަމަށެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ހޯރަފުށީގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތް ފެށި ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން 1،000 އަށް ވުރެ ގިނަ ބޮޑެތި ކުންފުނިތަކުން ހޯރަފުށި މެޕްކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

ސަރުކާރުގެ ކެންޑިޑޭޓަކާއެކު ރަށަށް ކުރިއެރުން ލިބޭނެ ކަމަށް ގަބޫލު ކުރައްވާ، އަލީ މަޖިލީހަށް ކުރިމަތިލެއްވުމަށް މި ފަހަރު ވެސް ރަށުގެ ގިނަ ބަޔަކު އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

"ގުޅިގެން، އެންމެން އެކީ މަސައްކަތްކޮށްގެން، ތެދުވެރި ނިޔަތަކާއިއެކު މަސައްކަތް ކޮށްފިއްޔާ މި ގައުމަކީ، މި ސަރަހައްދުގެ އެންމެ ރައްކާތެރި، އަމާން، އިގުތިސާދު އެންމެ ރަނގަޅު، ފުދުންތެރި ގައުމަށް ވެގެން ދާނެ،" ޔުނިވާސިޓީ އޮފް ސަންޑަ ލޭންޑް އިން ބިޒްނަސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަލީ ވިދާޅުވި އެވެ.

"ގައުމެއް، ތަރައްގީވެ އަދި އެ ގައުމަށް ނިސްބަތްވާ އެކި އަތޮޅުތަކާއި ރަށްތައް "އިގްތިސޯދީ ގޮތުން މިނިވަންވެ" ހަމަޖެހިގެން ކުރިއަށް ދެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލިސް ހިންގަން ޒިންމާދާރު ބަޔަކު ތިބެގެން." ރައީސް ޑރ. މުއިއްޒު އިތުބާރުއޮތް ކެނޑިޑޭޓް ނަންބަރު 2 އަލީ ވިދާޅުވި އެވެ.

ރައްޔިތުންގެ ބައެއް އަސާސީ ހައްގުތައް ކަށަވަރުވެގެން ދިޔަ، އިސްލާހީ މަސައްކަތަށް ލޯބިކުރެއްވި އަލީ އަކީ މިއަދު ހޯރަފުށި ދާއިރާގެ ތަރައްގީގެ "އޮޕްޝަން" އެވެ. ރުޅި އައުމާއި ޒާތީ ހަސަދަވެރިކަމަކީ އޭނާގެ ސިފައެއް ނޫނެވެ. އޭނާއަށް އޮތް ހިތްހަމަޖެހުމަކީ ހޯރަފުށި ދާއިރާގެ ރައްޔިތުންނަކީ ވިސްނުންތެރި, ހޭލުންތެރި ބައަކަށް ވުމެވެ. 

އެންމެންނާ ގުޅޭ އަލީގެ ބަހުން ނަމަ ރައްޔިތުންގެ ގާތަށް ދޮރުން ދޮރަށް ހިނގާ ލުމުން މުޅިން ވެސް ދިމާވަނީ "އެއްކޮޅު" މީހުންނެވެ. އިދިކޮޅު ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ފޯރީގައި ހިގިޔަސް ސަރުކާރާ "ދެކޮޅު" މީހަކު ދާއިރާއިން ނުފެނެ އެވެ. އަލީ ދޭ ޔަގީން ކަމަކީ ދާއިރާގެ ވަކި ރަށެއް ވަކި މީހެއް ތަފާތު ނުކުރާނެ ކަމެވެ. ހުރިހާ ރަށެއްގެ ރައްޔިތުން ހަމަހަމަ ވާނެ އެވެ.  

އަލީ ވިދާޅުވާ ގޮތުގައި ދާއިރާގެ ކާމިޔާބީއަކީ ސަރުކާރެވެ. ސަރުކާރުތަކާއި ދެކޮޅުވެގެން މެންބަރުންނަށް މާ ބޮޑު ޗޮއިސްއެއް ނުވަތަ ރައްޔިތުންގެ ހައްގުގައި ޑިމާންޑެއް ކުރާކަށް މިހާރުގެ ސިޔާސީ ވެރިންގެ ފަރާތުން ފަސޭހަ ނޫންކަމަށް އަލީ އެއްބަސްވެ އެވެ،

"އަޅުގަނޑުމެންނަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ކުރާނެ ބައެއް؛ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނަން،

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު