ރިޕޯޓް
އިހަވަންދިއްޕޮޅު ބަންކަރިން ހިދުމަތުން ހޯރަފުށި ދާއިރާގެ ރައްޔިތުންނަށް އާ ޒަމާނެއްގެ ނިޝާން
އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް ސޮއިކުރުން
ރާއްޖޭގެ އެންމެ ބޮޑު ޕަބްލިކް ކުންފުނި އެސްޓީއޯ އިން ހޯރަފުށީ ކައިރީގައި، ބަންކަރިން ދާއިރާގެ ދުނިޔޭގެ ނަން މަޝްހޫރު ވިޓޯލް ބަންކަރސް އާއި ގުޅިގެން އިހަވަންދިއްޕޮޅު ބަންކަރިންގެ ހިދުމަތް ނުވަތަ ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ތައާރަފް ކުރުމަކީ ހޯރަފުށީ ރައްޔިތުންގެ ޖީބުތަކަށް "އެނގިގެންދާނެ" ކަމެކެވެ. އަދި ވަކިން ހާއްސަކޮށް މުޅި އިހަވައްދިއްޕޮޅަށް އިގްތިސޯދީ "ދިރުން" އަންނާނެ އެވެ. މި ޚިދުމަތުގެ ސަބަބުން ހޯރަފުށި ދާއިރާގެ ޖުމްލަކޮށް މުޅި ތިލަދުންމަތީ ރައްޔިތުންނަށް ލިބިގެންދާނެ ފައިދާ ތަކުގެ ތެރޭގައި؛

1. އިގްތިސާދީ ކުރިއެރުން: 

ބަންކަރިންގެ ހިދުމަތްތަކުގެ ސަބަބުން ހޯރަފުށި ދާއިރާގެ ރައްޔިތުންނަށް އިދާރީ ލެވެލް އިން ފެށިގެން ފަންނީ މަގާމުތަކާ ހަމައަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ އެވެ. މީގެ އިތުރުން ތެޔޮ އެޅުމުގެ ބޭނުމުގައި އުޅަނދުތައް ބަނދަރުކުރުމުން މި ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ރެސްޓޯރެންޓްތަކާއި ހޮޓަލްތަކާއި ފިހާރަތައް ފަދަ ލޯކަލް ވިޔަފާރިތަކަށް އޭގެ ފައިދާ ކުރާނެ އެވެ.

2. އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް: 

ހޯރަފުށީ ކައިރީގައި ބަންކަރިންގ ފެސިލިޓީތައް ގާއިމްކުރުމުން ސްޓޯރޭޖް ޓޭންކު ތަކާއި ޑޮކިންގ ފެސިލިޓީ ފަދަ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރަން ޖެހޭނެއެވެ. މި އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓަކީ ހޯރަފުށީގެ ލޮޖިސްޓިކަލް ކެޕޭސިޓީ އިތުރުކޮށްދޭނެ ކަމެކެވެ. މިހާރު ހުރި ތަންތަން ޒަމާނީ ކުރުމަށް ވެސް އެހީތެރިވެދޭނެ އެވެ. ނަތީޖާއަކީ އިގްތިސޯދުގައި "ބުންވަރު" ޖެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ބަންކަރިން ހިދުމަތާއެކު ރައްޔިތުންގެ "ޖީބު" ހުލިވުން ނިމުމެވެ.

3. ރައްޔިތުން ހެއްވާލާނެ: 

މި މުހިއްމު ބަންކަރިންގ އޮޕަރޭޝަންތަކުގެ ތެރެއިން މިރަށަށް ބޮޑު އާމްދަނީއެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ޖީބުތައް "ބޮޑުވާނެއެވެ." އިގްތިސޯދީ މިނިވަންކަމުގެ އިހްސާސް ފަރުދީ ފެންވަރުގައި އަދި ހާއްސަކޮށް ޖަމާއަތުގެ ފެންވަރުގައި އިތުރުވެ ކުލަބް ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާވެ "ވަކި މީހަކަށް" ބަރޯސާވުން ކުޑަކޮށްދޭނެއެވެ. ނަތީޖާއަކީ ރައްޔިތުންގެ މޫނު މަތިން ވަޒީފާގެ ދާއިމީ ޔަގީންކަން އިތުރުވެ ހިޖުރަކުރުން މަދުވުމެވެ. ރަށުގައި ހުރެގެން ވަޒީފާ އަދާކުރެވި އާއިލާއާއި ގާތްމީހުންނަށް ވަގުތުދެވި ކުލީގެ އަޅުވެތިކަމުން މިންޖުވުމެވެ. ލިބޭ އާމްދަނީން ރަށުގެ ކޮމިއުނިޓީ ޕްރޮޖެކްޓްތަކަށް ފައިސާ ހަރަދު ކުރެވި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް "ކާނާ" ލިބި ހިނގައިގަތުމެވެ. ނަތީޖާއަކީ ރަށުގެ އާންމު ހިދުމަތްތައް ރަނގަޅުކުރެވި، ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކުގެ ހިންގުން ހަރުދަނާވެ ރައްޔިތުންގެ ޖުމްލަ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަގުފަހިވުމެވެ.  

4. ފަތުރުވެރިކަމުގެ ފުރުސަތު: 

މިރަށާ ކައިރިން ބަންކަރިންގެ ހިދުމަތް ލިބުމުން މި ސަރަހައްދަށް އިތުރު ކްރޫޒް ޝިޕްތަކާއި ޔޮޓްތައް އަންނާނެ އެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތަށް އާރޯކަން ލިބި މިދާއިރާގެ ރަށު ފަތުރުވެރިކަމުން ވަޒީފާ ނެތް މީހުންނަށް ވަޒީފާ ލިބުމެވެ. ޓޫރިސްޓް ގައިޑުންގެ ގޮތުގައި ގެސްޓުހައުސް ތަކުންނާއި ރިސޯޓް ހޮޓެލް ޗެއިންތަކުން ވަޒީފާގެ ފުރުސަތު ލިބުމެވެ. އަދި ފުޅާ ވަމުންދާ ގެސްޓް ހައުސް ވިޔަފާރީގެ ތެރެއިން ސުވެނިއަރޝޮޕްތަކާއި ފަތުރުވެރިކަމާއި ގުޅުންހުރި ތަންތަން އިތުރުވެ ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް ތަނަވަސްވެ، "ޑޮލަރަށް" ސަލާން ޖެހުން ނިމުމެވެ. އުލިގަމާއި ތުރާކުނި ހޯރަފުށި ހިމެނޭހެން "ފަޅު" ވެފައިވާ ދޮންވެލި، މި ރީތި ހުދު ގޮނޑުދޮށާއި ކަނޑުގެ ދިރުންތަކަށް ހަރީފް މޫސުން ނިމުމެވެ. ކަނޑުފަޅުގެ ދިރުންތަކުން ލިބޭ އާމްދަނީ ޖީބަށް ލިބި ބޯވަޔާ، އިއްސާ، ރާކަނިން އަދި ޖުމްލަކޮށް ސީފުޑްގެ އަގު އުފުލުމެވެ. 

5. ވަލުތެރެއިންވެސް ވަޒީފާ:

އެސްޓީއޯ އާއި ވިޓޯލް ބަންކަރސް އިން ވަނީ ބަންކަރިންގ އޮޕަރޭޝަންތަކުގައި ތިމާވެށީގެ މިންގަނޑުތަކަށް ރައްކާތެރިވުމަށް ބާރުއަޅާފަ އެވެ. އެހެންކަމުން މިރަށުގެ ގުދުރަތީ ރީތިކަމާއި ވަލުތެރޭގެ ދިރުންތަކަށް ތަފާތު ރައްކާތެރިކަން ކަށަވަރުކޮށްދީ، ބަންކަރިންގ ހަރަކާތްތަކުގެ އިކޯލޮޖިކަލް އަސަރު އެންމެ ކުޑަކުރުމަށް ފިޔަވަޅުތައް އަޅާނެ އެވެ. ރަށު ކައުންސިލަށް އެކަމަށް މަގުތައް ކޮށައި އިންވެސްޓު ކުރަން ފުރުސަތު ފަހި ވާނެ އެވެ. 

ޖުމްލަކޮށް ބަލާއިރު ހޯރަފުށީ ކައިރީގައި ބަންކަރިންގެ ހިދުމަތް ތައާރަފް ކުރުމަކީ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއެރުމާއި ފުރުސަތުގެ އާ ޒަމާނެއްގެ ނިޝާނެކެވެ. ފަރުވާތެރިކަމާއެކު ޕްލޭނިންގ އާއި ދެމެހެއްޓެނިވި އުސޫލުތަކާއެކު މި ކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ހޯރަފުށީ ކުރިއަރަމުން އަންނަ ކަނޑުގެ ހަބަކަށް ބަދަލުކުރުމުގެ ގާބިލްކަން ލިބިގެން ދާނެ އެވެ.

ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެއްކަމުން މިއީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މުހިންމު ސިނާޢަތަކަށްވާނެކަމަށް ސަރުކާރުން ވިދާޅުވެ އެވެ.

 

ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ.

ވިޓޯލް ބަންކާސްގެ މެޕުގައި މިހާރު "ރާއްޖެ" ހިމަނާފައިވާއިރު، އިހަވަންދިއްޕޮޅުގައި ޤާއިމުކުރާ ތެޔޮ ފޯރުކޮށްދޭ އިންޓަރނޭޝަނަލް ބަންކަރިން ޕްރޮޖެކްޓުގެ ޓާރމް ޝީޓުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސް.ޓީ.އޯއިން މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިންގ ކޮމްޕެނީ ވިޓޯލްއާއެކު މިދިޔަ މާރިޗުމަހުގެ 13 ގައި ވަނީ ސޮއިކޮށްފަ އެވެ. 

އެ ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހީ ވިދާޅުވި ފަދައިން އިހަވަންދިއްޕޮޅުގައި މި މަޝްރޫއު ފެށުމަށްޓަކައި ހަވާލު ކުރި ކުންފުނި ކަމަށްވާ ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގެ ދާއިރާއިން މިހާރު ދުނިޔޭގެ އެންމެ ބޮޑު ކުންފުނި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން އިގްތިސާދީ ގޮތުންވެސް އެތަކެއް ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

"އެގޮތުން އެސްޓީއޯގެ ރެވެނިއުއާއި ފައިދާ އިތުރުވެ، ޝެެއާ ހޯލްޑަރުންނަށް ބަހާ ޑިވިޑެންޑު އިތުރުވެ، ސަރުކާރަށް ލިބޭ ޓެކްސް ރެވެނިއުވެސް އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ. އަދި މި ފަދަ ޕްރޮޖެކްޓެއް ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏާ އެކު ހިންގަން ލިބުމަކީ ލިބޭ ހިތް ހަމަޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ވިޓޯލް ބަންކާސްއަކީ ދުނިޔޭގެ މަޤުބޫލު މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފާހަގަކޮށްލެވޭ ފަރާތެކެވެ.

ކިޔުންތެރިންގެ ޝުއޫރު
83%
0%
0%
17%
8 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު