މުދަލުގެ ޒަކާތުގެ ގޮތުގައި މީހަކަށް 5،500ރ. ބަހައިފި
މިދިޔަ އަހަރަށް ވުރެ، 500 ރުފިޔާ އިތުރަށް، ބޮލަކަށް 5،500 ރުފިޔާގެ މަގުން މި އަހަރުގެ މުދަލު ޒަކާތް ބަހައިފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ވެބްސައިޓުގައި ބުނީ މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ.
އެއިން ކޮންމެ މީހަކަށް 5،500ރ. ގެ މަގުން ޖުމްލަ 13.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ. އެއީ، މިދިޔަ އަހަރަށް ވުރެ 500 ރުފިޔާ އިތުރު އަދަދެކެވެ.ފާހަގަކުރެވޭ ގޮތުގައި، މި އަހަރުގެ ފިތުރު ޒަކާތް ބެހިއިރު، މިދިޔަ ރޯދައަށްވުރެ އިތުރަށް 1،500 ރުފިޔާ ކޮންމެ ފަގީރަކަށް ލިބުނެވެ. އެގޮތުން، މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ކޮންމެ ބޮލަކަށް 6،000 ރުފިޔާ ލިބުނެވެ.އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއީ އެންމެ ގިނައިން ފިތުރު ޒަކާތް ލިބި، ކޮންމެ ފަގީރަކަށް އެންމެ ގިނައިން ފިތުރު ޒަކާތް ބެހި އަހަރެވެ.