އަދިވެސް އުންމީދު ކުރަނީ 400 މިލިއަން ޑޮަލަރަށް ވުރެ ވެސް ގިނައިން އާމްދަނީ ވައްދަން: ސައީދު
އަދިވެސް އުންމީދު ކުރަނީ ބަންކަރިންގެ ވިޔަފާރިން 400 މިލިއަން ޑޮަލަރަށް ވުރެ ވެސް ގިނައިން އާމްދަނީ ވައްދަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ސައީދު ވަނީ ބަންކަރިންގެ ހިދުމަތަކީ އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށާއި، އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން މިދިޔަ އޭޕްރިލްމަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، ކުރިން ވިދާޅުވެފައި އޮތީ ބަންކަރިންގެ ހިދުމަތް ފަށާތާ ފުރަތަމަ އަހަރުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ވާހަކަ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރާއި އެމަނިކުފާނުގެ އަދިވެސް އުންމީދަކީ 400 މިލިއަން ޑޮލަރު ނުވަތަ ވީހާ ބޮޑު ނަފާއެއް އެކަމުން ހޯދުން ކަމަށެވެ. ނަމަވެސް، ކުރިން ވިދާޅުވެފައި އޮތް ގޮތަށް، އަހަރަކު 400 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ނުލިބުނު ސަބަބެއް މިނިސްޓަރު ވިދާޅުވެފައި ނުވެ އެވެ. "400 ޑޮލަރުގެ އާމްދަނީ ވަންނާނެ ކަމަށް އަޅުގަނޑު ބުނީ، އާދެ. އަޅުގަނޑު އަދިވެސް އުންމީދު ކުރަނީ ހަތަރު ސަތޭކަ މިލިއަން ޑޮަލަރަށް ވުރެ ވެސް ގިނައިން އާމްދަނީ ވައްދަން. އަހަރަކު، އާދެ، އަހަރަކު ވެސް. ޝައިޙާން، ތިޔަ ސުވާލު ޝައިޙާން އަށް ފޮނުވީ އެމްޑީޕީ އިން ކަމަށް ވަންޏާ، އައްސަވާ ބައްލަވާ އެ ބޭފުޅުން ކަނދު ފޮތި އަޅަން އުންމީދު ކުރިޔޭ ރާއްޖެ އިން ބޭރުގައި ކަނދު ފޮތި އަޅައިގެން އޭގައި ސްޕާ އާއި، އޭޓީއެމް އާއި އޭގައި މަސްވެރިންނަށް އައިސް ރޭކޮށްލެވޭ ގޮތަށް ކޮޓަރައި އަޅައިގެން އެ ހިދުމަތް ދިނުމަށް. އެ ބޭފުޅުންގެ އިންޓެންޝަން އޮވެދާނެ އެކަން ކުރުމަށް" ސައީދު ވިދާޅުވި އެވެ.އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށީ 19 ސެޕްޓެމްބަރު 2024 ގަ އިހަވަންދިއްޕޮޅުގައި އެވެ. ތެލުގެ ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ފެންވަރުގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ ގުޅިގެން އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފެށީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.އިވަންދިއްޕޮޅުން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށް މިދިޔަ މެއި މަހު ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި އެވެ."އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މަސައްކަތް ފެށީ. އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް. ނަމަވެސް މާލެ ސަރަހައްދުގައި އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް އެ ހިދުމަތް ފޯރުކޮށްދޭން އަދިވެސް ގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ކުރިއަށްދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.