ޚަބަރު
ވަހީދުގެ ހިދުމަތަށް ؛ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފު!
ހޯރަފުށީ ކައުންސިލްގެ އިދާރާގެ ރައީސް އަލްފާޟިލް މުހައްމަދު ވަހީދު
ހޯރަފުށީ ކައުންސިލް އިދާރާގައި އަލްފާޟިލް މުހައްމަދު ވަހީދު މިދިޔަ ފަނަރަ އަހަރު ކޮށްދެއްވި މަސައްކަތްތައް އެ ރަށުގެ ރައްޔިތުން ފާހަގަކުރައްވައި އޭނާ އަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކޮށްފި އެވެ.

ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު ވިދާޅުވީ ރަށުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ނުހަނު އިހުލާޞްތެރި މަސައްކަތްތަކެއް ކުރެއްވި، ކައުންސިލްގެ ރައީސް ވަހީދުގެ ދައުރު ނިމި، ވަކިވެވަޑައިގަންނަވާ ދަނޑިވަޅަކީ މުޅި ރަށަށް ލިބިގެންދާނެ ފޫނުބެއްދޭނެ ވަރުގެ ބޮޑު އުނިކަމެއް ކަމަށެވެ.

އިމްދާހު އިތުރަށް ވިދާޅުވީ ރައީސް ވަހީދު އަކީ ހަމައެކަނި ވެރިއެއް ނޫނެވެ. އެއީ ރަށުގެ ކޮންމެ ރައްޔިތަކާ ގާތުން ބައްދަލުކޮށް، ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، އޯގާތެރިކަމާއެކު ހިދުމަތް ކުރެއްވި ނަމޫނާ ޝަހުސިއްޔަތެއް ކަމަށާއި ރައީސް ވަހީދުގެ އޯގާތެރި ވެރިކަމުގެ ހިޔަލުގައި ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުން އުފަލާއެކު ފާހަގަކުރާ ކަމެށެވެ.

"އަޅުގަނޑުމެންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ އެއްކަމަކީ، ރައީސް ދެއްވާ އަސަރުގަދަ ސްޕީޗްތަކެވެ. ކޮންމެ ވާހަކަފުޅަކުން ރައްޔިތުންގެ ހިތްތަކަށް އުންމީދު އާކޮށްދެއްވައި، ރަށަށްޓަކައި ލޯބި ޖައްސުވައި، އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށްދެއްވި އެވެ. ރައީސް ހޯއްދެވި ކޮންމެ ކާމިޔާބީއެއްގެ އަސްލަކީ ރައީސްގެ ކިބައިގައި ހުރި މުރާލިކަމާއި، ވަރުބަލިކަމެއް ނެތި ކުރެއްވި ބުރަ މަސައްކަތެވެ. ރަށުގެ ތަރައްޤީގެ މަޝްރޫއުތަކުގައި އިސްކޮށް ހުންނަވައި، އަމަލީ ގޮތުން ދެއްކެވި ހިތްވަރަކީ އަޅުގަނޑުމެން އެންމެންނަށް ލިބުނު ފިލާވަޅެކެވެ" އިމްދާހު ލިޔުއްވާފައިވެ އެވެ.


ވަހީދުގެ ހިދްމަތް ފާހަގަކުރަމުން ހޯރަފުށީ ރައްޔިތަކު ބުނީ އިދާރީ ހިންގުމުގެ ރީތި ނަމޫނާއެއް ދެއްކެވި، ވަހީދު ވަކިވުމަކީ ހިތްވަރުގަދަ އެތައް ބައެއްގެ ހިތްތަކަށް އަސަރުކުރުވި ބޮޑު ހިތާމައެއް ކަމަށެވެ. ނަމަވެސް ވަހީދަށް އޮތް ލޯތްބާއި އިހުތިރާމް އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. 

ހޯރަފުށީކައުންސިލް އިދާރާގައި ކުރިން މަސައްކަތް ކުރެއްވި ރައްޔިތަކު ބުނީ ވަހީދު އަކީ ހޯރަފުށީ ކައުންސިލްގެ 3 ދައުރު ކާމިޔާބު ކަމާއެކު ނިންމާލެއްވި ހިންގުންތެރި ނަމޫނާ ވެރިއެއް ކަމަށާއި ވަހީދު ހިންގުންތެރިކަމާއި މުވައްޒަފުންނާ ބެހެއްޓެވި ގާތްކަން އެންމެ ގާތުން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
 
"އަޅުގަނޑު ހޯރަފުށީ ކައުންސިލްގެ ވަޒީފާއިން ވަކިވެގެން ދިޔަ ކަމުގައި ވިޔަސް މިހާރުވެސް އަޅުގަނޑާ ހަމަ އެގާތްކަން ބާއްވަވާ. ވަހީދު އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީތީ އެކަމަށްޓަކައި ތާ އަބަދު ޝުކުރުވެރިވެ އުފާކުރަން." ޝާނީޒް ކުރި ޕޯސްޓްގައި ވެއެވެ.


ވަހީދުގެ ހިދްމަތް ފާހަގަ ކުރައްވާ ހޯރަފުށީ ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާ މުވައްޒަފަކު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވޭތުވެދިޔަ ކައުންސިލްގެ ތިން ދައުރުގައި ވަހީދު ހޯރަފުށްޓަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

"ވަޒީފާގެ ހަޔާތުގައި މިހާތަނަށް މަސައްކަތް ކުރަން ލިބުނު އެންމެ ރަނގަޅު ވެރިޔަކީ އެއީ ކަމުގައި އަޅުގަނޑު ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ. މުވައްޒަފުންނާ މެދު ބަހައްޓަވާ އޯގާތެރިކަމާއި، މަޑުމައިތިރިކަމާއި، ކެތްތެރިކަމުގެ އިތުރުން ކުރައްވާ އިހުތިރާމަކީ މިއަދުގެ ލީޑަރުންގެ ކިބައިން ފެނުން ނާދިރު މާތް ސިފަތަކެކެވެ. އަބަދުވެސް އަޅުގަނޑުމެންގެ އަޑުއައްސަވައި، މަގުދައްކަވައި، އަދި ކުރިއަށް ދިއުމަށް އަބަދުވެސް ހިތްވަރުދެއްވި ބޭފުޅެކެވެ. ރައީސް އާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު ޝަރަފެއްގެ އިތުރުން، އުގެނުނު އަގުހުރި ފިލާވަޅުތަކެކެވެ." އިމްތިޔާޒުގެ ޕޯސްޓްގައި ވެއެވެ.


ތެދެކެވެ. ވަހީދަކީ ގިނަގުނަ ހުނަރުތަކެއް ލިބިވަޑައިގެންފައިވާ ނަމޫނާ ޝަހުޞިއްޔަތެކެވެ. އިހުލާޞްތެރި ހިދުމަތްތެރިއެއްގެ އިތުރުން، ވަހީދަކީ ގުރުއާން މުދައްރިސެކެވެ. އިމާމެކެވެ. ހަޠީބެކެވެ. ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. އަދި ހިތްވަރުގަދަ ވާހަކަދެއްކުންތެރިއެއް ވެސް މެއެވެ. 

މީގެ އިތުރުން ކުޅިވަރާއި އިޖުތިމާއީ އެކި ހަރަކާތްތަކުގައި ވަހީދު ފާހަގަކޮށްލެވެ އެވެ. މިހާ ގިނަ ޒިންމާތަކެއް އުފުއްލަވާއިރުވެސް، އެހާމެ ހިތްތިރި، ކޮންމެ މީހަކަށްވެސް ގުޅޭނެފަދަ މިޒާޖެއްގެ ވެރިއަކަށް ވުމަކީ މަދު މީހަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. ވަހީދު ހޯރަފުށީ އެންމެ މަތީ އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ ކައުންސިލް މެންބަރެއްގެ ގޮތުގަ އެވެ. 

އެ މަގާމުގައި ހުންނަވައިގެން ރައްޔިތުންނަށް ހިދުމަތް ކުރެއްވީ ނުހަނު އިހުލާޞްތެރިކަމާއި އިތުބާރާއި އެކު އެވެ. ވަހީދުގެ ކިބައިގައި ހުރި އިސްނެގުމުގެ ސިފަތަކާއި، ރަށުގެ ތަރައްގީއަށް ބެހެއްޓެވި ހާއްސަ ޝައުގުވެރިކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދަވައި، ދެވަނަ ދައުރުގައި ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތެވެ. ރައްޔިތުން ވަހީދުގެ ލީޑާޝިޕަށް ކުރި އިތުބާރުގެ ބޮޑުކަމުން، ޖެހިޖެހިގެން ދެވަނަ ދައުރަކަށްވެސް ކައުންސިލްގެ ރައީސްގެ މަގާމަށް ވަހީދު އިންތިހާބު ކުރެއްވި އެވެ. މިއީ ވަހީދުގެ ހިންގުންތެރިކަމަށް ރައްޔިތުން ކުރި ފުރިހަމަ "އިތުބާރު" ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ. އަދި ހޯރަފުށީގައި ސިޔާސީ ގޮތުން ވަހީދަށް "ތާއީދު" އޮތް މިންވަރު ސާފުވާ ހެއްކެކެވެ.


އެންމެ ފަހުން އޮތް ކައުންސިލް އިންތިހާބުގައި ވަހީދު ވާދަ ނުކުރެއްވި ނަމަވެސް ވަހީދުގެ ހިތްވަރާ ޖޯޝުން ކުރެއްވި ފޯރިގަދަ ކެމްޕެއިންގައި ވަހީދުގެ ޓީމް ހޯރަފުށީ ކައުންސިލާ ހަވާލު އެވަނީ 0-10 ން ސަރުކާރު ޕާޓީ ބަލިކުރެއްވުމަށް ފަހު އެވެ. ހޯރަފުށީގެ ސިޔާސީ މިސްރާބު ބަދަލުކޮށްލައި ރަނގަޅަށް ދުލަށް ބަސްމަގު ހެޔޮވަރުކޮށްލައި ސިޔާސީ އެއްވުންތަކުގައި ބޯޅަ ތަތްކޮށްލީ، އެންމެ ފަހުން އޮތް ދެ އިންތިހާބުން ބަލިވި ހަދާންތައް މާޒީކޮށް ކައުންސިލް އިންތިހާބަށް މާލެއިން އައި ސަރުކާރު ވަފުދުގެ ކީޕަރަށާއި ގޯލް ރޮނގު ބަލަހައްޓަން އެރި ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. 


ޝައްކެއްވެސް ނެތް ގޮތުގައި، ވަހީދު ހޯރަފުށީ ކައުންސިލްގައި ހިދުމަތް ކުރެއްވި އަހަރުތަކަކީ ހޯރަފުށީގެ ތާރީހުގައި ލިޔާނެ އުޖާލާ އަދި ކާމިޔާބު އަހަރުތަކެކެވެ. ވަހީދުގެ ރައީސްކަމުގެ ދަށުން، "ޗާލު ނަޔާ" ހޯރަފުށިން ފެނިގެންދިޔައީ ތަރައްގީއާއި، ކުރިއެރުމާއި، އެއްބައިވަންތަކަމުގެ އިތުރުން ހަމަޖެހުމެވެ. ވަހީދުގެ ލީޑަޝިޕާއި ރައްޔިތުންގެ އަޑު އެއްސެވުމަށް ވަހީދު ގެންގުޅުއްވި ޝައުގަކީ މާދަމާގެ ވެރިންނަށް މިސާލެކެވެ. އެ ހަދާންތައް ކައުންސިލް އިދާރާ ބައްދަލުވުންތަކުގެ އިތުރުން މުޅި ރަށުން އާވެ އާލާވަމުން ދާނެ އެވެ. ހޯރަފުޓަށް ކޮށްދެއްވި ހިދުމަތަށް ވަހީދަށް އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފު އެވެ. ރައްޔިތުންގެ ހިތުގައި އޮތް ހާއްސަ ލޯތްބާއި ގަދަރު އަބަދުވެސް އޮންނާނީ އެންމެ މަތީ ދަރަޖައިގައި އެެވެ. 

ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު އަށް ޝުކުރިއްޔާ އެވެ! ހާސްފަށުން ޝުކުރިއްޔާ އެވެ!

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު